ގަލޮޅު ސްކޫލްގެ ހުރިހާ މަސައްކަތު މުވައްޒަފުން ސަސްޕެންޑްކޮށް، ސްކޫލްގައި ސީސީޓީވީ ހަރުކުރަން ނިންމައިފިއެވެ.
ގަލޮޅު ސްކޫލްގައި ކިޔަވަމުންދިޔަ ތުއްތު ކުއްޖަކަށް އެސްކޫލްގެ މަސައްކަތު މީހަކު (ދައްތައެއް) ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އެސްކޫލުން އެމައްސަލަ އޮއްބާލުމަށް މަސައްކަތްކުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.
ގަލޮޅު ސްކޫލުން ބުނީ ދަރިވަރުން މީގެ ފަހުން ފާހަނައަށް ދާނީ ޓިޗަރުންގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ، އެކަން ބެލެނިވެރިންނަށް އަންގާނެކަމަށް ސްކޫލުން ވަނީ ބުނެފައެވެ. އަދި ސްކޫލްގެ 18 ހިސާބެއްގައި ސީސީޓިވީ ކެމެރާ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ގަލޮޅު ސްކޫލުން ވަނީ ބުނެފައެވެ.
މަސައްކަތު މީހުން ސަސްޕެންޑްކޮށްފައިވަނީ އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި މިމައްސަލައާއި ގުޅިގެން ދެމުވައްޒަފަކާއި އަންނަނީ ސުވާލުކުރަމުންނެވެ.
ގަލޮޅު ސްކޫލުގައި ކިޔަވަމުންދިޔަ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވަނީ ސްކޫލުގައި މަސައްކަތްކުރާ މަސައްކަތު މީހަކާއިއެކީ އެކުއްޖާ ފާހަނައަށް ފޮނުވި ގަޑީގައި ކަމަށް ތުހުމަތުކުރެވެއެވެ. ކުއްޖާގެ ބެލެނިވެރިންނާއި ހަވާލާދީ ބައެއް މީޑީޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުއްޖާ ހަވާލުކޮށްފައި ފޮނުވުނީ ކޮން މަސައްކަތު މީހަކާއިއެކުކަން ކުއްޖާގެ ޓީޗަރު ހަނދާނެއް ނެތެވެ. އެހެންކަމުން، މިކަމުގައި ޓީޗަރުގެ އިހުމާލުވެސް ވާކަމަށް ބުނެ، ޓީޗަރާއިމެދު ފިޔަވަޅު އެޅުމަށްވެސް އާންމުން އަންނަނީ ގޮވާލަމުންނެވެ.
މައްސަލާގައި ތުހުމަތުކުރެވޭ މަސައްކަތު މީހާގެ މިފަދަ ޝަކުވާތަކެއް މީގެ ކުރިންވެސް ހުށައެޅިފައިވާކަމަށް މައުލޫމާތުލިބެއެވެ. އަދި އެންމެ ފުރަތަަމަ މިމައްސަލަ ފެންމަތިވުމުން، މިމައްސަލަ އޮއްބާލައި ސްކޫލްގެ އަގު ހިފެހެއްޓުމަށް މިކަން ސިއްރުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށްވެސް ގިނަ ބަޔަކު އަންނަނީ ތުހުމަތުކުރަމުންނެވެ.

