ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދިނުމަށް ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ގާއިމުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވް ގޭސް އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރެވުނު މިއެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމްއެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ. ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައިވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށްކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެކަމަށް އެޗްޑީސީއިން ބުނެއެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ގާއިމުކޮށްގެންކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.
އެޗްޑީސީއިން ބުނީ، މި މަސައްކަތް ކުރެވިގެން ދާނީ އެމް.އެން.ޑީ.އެފްގެ ރެގިއުލޭޝަންސްތަކާއި އެއްގޮތްވާގޮތުގެ މަތިންމަށެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓާގައި ނިންމުމަށް ހަމަޖެހިފާވާކަމަށެވެ. މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސް އާއި ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

