ކުރީގެ ތުރުކީ ވިލާތުގެ ވެރިކަން ކުރެއްވި މުސްތަފާ ކަމާލް ޕާޝާ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްވެސް ތަފާތެއް ނެތް ކަމަށް ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ.
ސަނގު ޓީވީގެ ”ހަބަރަށްފަހު“ ގައި ސިއްދީގު ވިދާޅުވީ މުސްތަފާ ކަމާލު ތުރުކީ ވިލާތް ސެކިއުލާ ކުރުމަށް މަސައްކަތް ކުރި ގޮތާއި އަމަލު ބެހެއްޓިގޮތަށް ރައީސް ސޯލިހު އަމަލުކުރަމުންދާ ކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. ރައީސް ސޯލިހު ވެސް ކުރައްވަނީ ލާދީނީ ވެރިކަމެއް ކަމަށް ބުނެ ސިއްދީގު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ޝާމިލުކޮށް، އެމަނިކުފާނުގެ ޕަޕެޓުންތަކެއް ސަރުކާރުގެ މަގާމުތަކަށް އައްޔަންކޮށް، ކުރާ މަސައްކަތްތަކަކީ ތުރުކީ ވިލާތް ސެކިއުލަރ ކުރުމަށް މުސްތަފާ ކަމާލު ޕާޝާ ކުރި މަސައްކަތާއި އެއްކަމެއް ކަމަށެވެ.
މިފަދައިން ބުނަމުން ސިއްދީގު ވަނީ މިސާލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންތައްތަކަށް އިޝާރާތްކޮށްލައްވފައެވެ. މީގެ ތެރޭގައި މުސްތަފާ ކަމާލު ރައްޔިތުންގެ ރުހުން ހޯދީ ތުރުކީގެ އާމީ ފޯސްގެ ތެރޭގައި މަސައްކަތް ކުރުމާއި އެކު، ބައެއް ކަހަލަ ހަނގުރާމަތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންކަމަށް ސިއްދީގު ވިދާޅުވިއެވެ. އެއަށްފަހު ރައީސް ކަމަށް ވަޑައިގެން ތުރުކީ ވިލާތް ސެކިއުލަރ ގައުމަކަށް ބަދަލު ކޮށްލީކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ރައްޔިތުންގެ ރުހުން ހޯއްދެވ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގައި 25 އަހަރު ދުވަހު ހުރުމަށްފަހު، ތިމަން މަނިކުފާނަކީ ބަސްމަދު، އޯގާތެރި ލީޑަރެއް ކަމަށް ރައްޔިތުންނަށް ދައްކައިގެން ކަމަށް ސިއްދީގު ވިދާޅުވި އެވެ. ވެރިކަމަށް އައުމާއި އެކު ރާއްޖޭގެ ޖުޑީޝިއަރީ ނިޒާމް ހަރުދަނާ ކުރެވޭނެ ކަމަށް ބުނެ ވައުދުތަކެއް ވީ ނަމަވެސް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ކުރެވުނީ ކޮން ކަމެއްތޯ ސިއްދީގު ސުވާލު އުފެއްދެވި އެވެ.
ޕްރޮގްރާމުގައި ވާހަކަދައްކަމުން ސިއްދީގު ވަނީ ސްކޫލް ދަރިވަރުންގެ އިސްލާމް ފޮތުގައި ކުށް ހުރި ކަމުގެ މައްސަލައާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިސްލާމު ފޮތުގައި ބައެއް އާޔަތައް އުނިކޮށް ސޫރަތްތައް ލިޔެފައިވާ އިރު، އާޔަތްތަކުގައި ކުށް ހުރުމަކީ އެއީ ވަރަށް ސީރިއަސް މައްސަލަައެއްކަން ސިއްދީގު ފާހަގަކުރެއްވިއެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން މި ފޮތްތައް ޗާޕު ކުރެވުނީ ރައީސް ޔާމިނުގެ ސަރުކާރުން ކަމަށް ބުނި ނަމަވެސް، 2013-2018 އަށް ޗާޕް ކުރެވުނު އެއްވެސް ފޮތަކުން އެއްވެސް ކުށެއް ފެނިފައިނުވާނެ އެވެ. އަދި މި ފޮތްތަކުގައި ކުށް ހުރުމަކީ މިއަދުގެ ސަރުކާރުން ޒިންމާ ވާން ޖެހޭ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

