ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އިންސާނީ ވަސީލަތް މިއަހަރު ގާއިމްކުރެވެނޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަނަދޫގައި ހުންނަ އެއަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އިންސާނީ ވަސީލަތް މިއަހަރު ގާއިމްކުރެވެނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ކައުންސިލާ ބައްދަލުކުރައްވާ ރައީސް ވަނީ މަނަދޫ ރައްޔިތުން ބޭނުންވާ ކަންކަމާއި ސަރުކާރުގެ ޕްލޭންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަނަދޫގެ ތަރައްގީއާއި ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މި ގޮތުން މަނަދޫ ފެނުގެ ނިޒާމްގެ މަސައްކަތް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ ކަންކަން ކުރިއަށްދާނެ ކަމަށާއި، މަނަދޫ ހޮސްޕިޓަލް އެކްސްޓެންޝަންއާއި އައު ހޮސްޕިޓަލް ގެ މަސައްކަތް އެކުއެކީގައި ކުރިޔަށް ގެންދާ ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މި އަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ފުރިހަމަ ކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކައުންސިލުން ވަނީ މަނަދޫގެ ތަރައްގީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން ކައުންސިލުން އެންމެ އިސްކަމެއް ދެއްވައިގެން އަލިއަޅުއްވާލައްވާފައި ވަނީ މަނަދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ބޭނުންވާ ކަމެވެ. އެގޮތުން މަނަދުއަކީ އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވުމާއެކު މަނަދުއިން ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ އަދަދު ގިނަވުމާއެކު މަގުތައް ބޭނުންކުރުމުގައި ދިމާވާ ދަތިތައް އަވަހަށް ޙައްލުކުރަންޖެހޭ ކަމަށް ކައުންސިލުން ހާމާކުރެއްވިއެވެ.

މީގެ އިތުރުން ވެސް މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްނުކުރެވުމުގެ ސަބަބުން ދިމާވާ ދަތިތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަމާއި، ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުރުން މުހިންމު ކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ. އަދި، އެ ބޭފުޅުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޒަމާނީ ފެންވަރުގެ ފެރީ ޓާރމިނަލަކާއި ލޯކަލް މާރުކޭޓެއްގެ ބޭނުންތެރިކަމުގެ އިތުރުން ޕޮލިޓެކްނިކްގެ ކޯސްތައް ހިންގޭނެ ގޮތް ފަހިކޮށްދެއްވުމަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

ރައީސް ވަނީ މަނަދޫގައި ހުންނަ ނ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، ހޮސްޕިޓަލްގައި އަލަށް ތަރައްގީކުރަމުންދާ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި އެ ތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރޭ އެ މަނިކުފާނު ނ އަތޮޅު ހޮސްޕިޓަލަށް ކުރެއްވި މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހޯއްދަވާފައެވެ. މި ގޮތުން ހޮސްޕިޓަލުން ވަނީ އައިސީޔޫއެއް ނެތުމުގެ ދަތިކަން ފާހަގަކުރައްވައިފައެވެ.

މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގައި 6 އޯޕީޑީ ރޫމާއި ލެބޯރެޓަރީ ހިމެނޭ އިމާރާތުގެ ފިނިޝިންގ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި، މި މަހުގެ މެދުތެރޭ ހިސާބުގައި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރު ހޯދުމަށާއި ހޮސްޕިޓަލުގެ ވޯޑް އޭރިޔާގައި މެޑިކަލް ގްރޭޑުގެ އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް ޓެންޑަރކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ނ އަތޮޅު ކައުންސިލާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުން ވަނީ ވަކި ރަށެއްގެ މަސްލަހަތު އިސްނުކޮށް ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކުން ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހުރި ކަންކަން ހާސިލްކޮށް ނަތީޖާ ނެރެވޭނެ ކަން ފާހަގަ ކުރައްވާފައެވެ. އަދި، އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ތަރައްގީއަށް ރާވާފައިވާ ކަންކަމާއި، ދިމާވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މި ގޮތުން އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އަތޮޅުގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، ބައެއް ރަށްރަށުގެ އިހްތިސާސްއާއި ގުޅޭ ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމަށް ގެންގުޅޭ ވިސްނުމާއި، ފެރީ ދަތުރުފަތުރުގެ ޚިދުމަތާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކުރުމާއި ގުޅޭ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ވެސް ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙުތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ އިގްތިސާދީ ހަރަކާތްތައް ހިންގުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން ކައުންސިލުން އަތޮޅުގެ ތަރައްގީއަށް ގެންގުޅުއްވާ ވިސްނުންފުޅަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭންތަކާއި އެއްކީލި އެއްޗެއްގެ ގޮތުގައި ބާއްވައިގެން ކަންކަން ކުރިޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: