ރާއްޖޭގައި ކޮވިޑް ޖެހި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 3000 އިން މައްޗަށް އަރައިފިއެވެ.
ރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅިން އަލަށް 281 މީހުންނަށް ވަނީ ބަލި ޖެހިފައެވެ. މީގެ ތެރެއިން 100 މީހުންނަކީ މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން 88 މީހުން ޕޮޒިޓިވްވިއިރު ރިޒޯޓްތަކުން 89 މީހުން ވަނީ ޕޮޒިޓިވެވަފައެވެ.
ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ގޮތުގައި 3086 މީހުން ތިބިއިރު އެޑްމިޓްކޮށްގެން 12 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/LCJTe6fF7Z
— Health Protection Agency (@HPA_MV) January 7, 2022
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހަ ރަށެކެވެ. އެއީ ކ. މާފުށި، ތުލުސްދޫ، ހއ. އިހަވަންދޫ، ހދ. ނައިވާދޫ ދ. ހުޅުދެލި އަދި ގދ. ވާދޫއެވެ. މި ހަ ރަށްވެސް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ކުރިއަށް އޮތް ތިން ހަފްތާއަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސްވާނެ ތިން ހަފްތާގެ ގޮތުގައި ޓެގް ޓީމްއިން ވަނީ ލަފާކޮށްފައެވެ. އެއާއެކު މާސްކް އެޅުން ފަދަ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާސްކް އަޅާކަން ކަށަވަރުުކުރުމަށްޓަކައި ފުލުހުން އަނެއްކާވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.
ކޮވިޑްގެ ހާލަތު ގޯސްވެއްޖެނަމަ އެކަށީގެންވަ ގޮތެއްގައި ފަރުވާ ދިނުމަށް ދަތިތަކާއި ކުރިމަތިވެ، އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށްވެސް ދަތިތަކާއި ކުރިމަތިވާނެކަން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ ހާލަތްތައް މެދުވެރިވެފައިވާއިރު އެކަން ތަކުރާރުނުވާނެ ފަދަ އުސޫލުތަކެއް އެޅުމަށްވެސް ގިނަބަަޔަކު އަންނަނީ ގޮވާލަމުންނެވެ. ސަރުކާރުން ވަނީ ފުރަބަންދުކުރުމަކާއި ނުލައި އަދި ވިޔަފާރިތަކަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކޮވިޑް މެނޭޖްކުރުމަށް މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ.

