މި ދުވަސްވަރު ރާއްޖެއަށް ދުންފުހުގެ އަސަރުކުރަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނެފައިވަނީ، މި ދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހަށް ބޮޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ.
އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި އެން-95 މާސްކު އެޅުމަށާއި، ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރަން ވެސް ލަފާ ދީފައިވެއެވެ.
ވައިނުސާފު މިންވަރު ދެނެގަތުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ މިންގަނޑަކީ އެއާ ކޮލިޓީ އިންޑެކްސް ނުވަތަ އޭކިއުއައިއެވެ. އެ މިންގަނޑުގެ ދަށުން ވަކި ސަރަހައްދުތަކަށް ވައި ނުސާފު މިންވަރު ބެލުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ލިންކު ނުވަތަ، އައިކިއު އެއާ ވިޝުއަލް ނުވަތަ އައިކުއިއެއާ ޔޫއެސް ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
އޭކިއުއައިގެ މިންގަނޑުތަކަށް ބަލާއިރު:
- ރަތް ސަމާލު: އޭކިއުއައި 151-200 އާ ދެމެދުގައި ނަމަ ސިއްހީ ގޮތުން ނޭދެވޭ އަސަރުކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑު
- އޮރެންޖު ސަމާލު: 101-150 އާ ދެމެދުގައި ނަަމަ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކާއި އެހެނިހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު
މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ އެޗްޕީއޭއިން ބުނި ގޮތުގައި، ރަތް ސަމާލަށް ފެތޭ މިންވަރަށް ވައި ނުސާފުވެފައިވަނީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، މާލެ، ވިލިމާލެ، ދ. ކުޑަހުވަދޫ، އަދި ލ. ގަމުގައެވެ. އޭގެ އިތުރުން ފުވައްމުލަކާއި އައްޑޫ ސިޓީގެ އޭކިއުއައި ހުރީ އޮރެންޖު ސަމާލު ނެރޭ މިންވަރަށެވެ.

