ނައިޓު މާކެޓު ހުއްޓުވުމުން ރަސްފަންނު ސަރަހައްދުގައި އިހުތިޖާޖުކޮށްފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ފެތުރުން އިތުރުވަމުންދާތީ ރަސްފަންނުގައި ކުރިއަށް ގެންދާ ނައިޓް މާކެޓް ހުއްޓާލުމަށް އެޗްޕީއޭއިން ރޭ ވަނީ އަންގާފައެވެ.
އޭގެ ކުރިންވެސް އެޗްޕީއޭއިން ވަނީ އެއްފަހަރު ނައިޓް މާކެޓް ބޭއްވުން މަޑުޖައްސާލުމަށް އަންގާފައެވެ. އެހެންނަމަވެސް އެގޮތަށް އެންގިތާ މާ ގިނަ އިރުތަކެއްނުވެ އަނެއްކާވެސް ނައިޓް މާކެޓް ކުރިއަށް ގެންދިޔުމަށް ވަނީ ހުއްދަ ދީފައެވެ. އެހުއްދަ ދިނުމަށްފަހު 24 ގަޑިއިރު ނުވަނީސް ރޭގެ ވަގުތެއްގައި ނައިޓް މާކެޓް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ބުރާސްފަތި ދުވަހުގެރޭ ނައިޓް މާކެޓް ބޭއްވުމަށް އެޗްޕީއޭއިން ހުއްދަ ދިނީ އެކަމަށް ވިޔަފާރިތަކުން ބޮޑެތި ހަރަދުތަކެއް ކޮށްފައިވާތީ އެކަމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކެއް ވިޔަފާރިތަކަށް ލިބޭނެކަމަށް ބުނެއެވެ. އެހެންނަމަވެސް، ކޮވިޑްގެ އާ ވޭރިއަންޓެއްވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރި މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ އެޗްޕީއޭ އަޅާ ފިޔަވަޅެއްގެ ގޮތުން ނައިޓް މާކެޓް ހުއްޓާލުމަށް އެންގީއެވެ. އެޗްޕީއޭއިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި މީހުން މާސްކް ނާޅާ ކަމާއި ގައި ދުރުކަމެއްވެސް ނެތްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
އަވަސް އަވަހަށް އުސޫލުތައް ބަދަލުކުރަމުންދާތީ އިހުތިޖާޖުގެ ބައިވެރިން ވަނީ އެޗްޕީއޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ކުދި ވިޔަފާރިތަކަަށް ކުރާ އުނދަގޫތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
އިހުތިޖާޖުގެ ބައިވެރިން ހިފައިގެން ތިބި ޕޯސްޓަރުތަކުގައިވަނީ އެމީހުން ކުރި ހަރަދުގެ ފައިސާ އަލުން ދިނުމަށެވެ. އަދި ބޮޑެތި ކައިވެނި ހަފްލާތައް ނުހުއްޓުވައި ނައިޓް މާކެޓް ހުއްޓުވަނީ ކިއްވެތޯ އިހުތިޖާޖުގެ ބައިވެރިން ވަނީ ސުވާލުކޮށްފައެވެ.
މިއަދުގެ އިހުތިޖާޖުގައި މާގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައެއް ނުވެއެވެ. އިހުތިޖާޖުގައި ދިވެހިންގެ އިތުރުން ބިދޭސީންވެސް ވަނީ ބައިވެރިވެފައެވެ. އިހުތިޖާޖު ކުރިއަށްދިޔަ ވަގުތު އެސަރަހައްދުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ހުޅުމާލޭގައި ދެ ނައިޓް މާކެޓް އަދި މާލޭގެ އިތުރު ސަރަހައްދެއްގައި ވަނީ ނައިޓް މާކެޓް ވަނީ ބާއްވާފައެވެ. މިނޫނަސް މީހުން ގިނައިން އެއްވާ ފަދަ ބޮޑެެތި ތަފާތު އެތައް ހަރަކާތެއް މާލެ ސަރަހައްދުގައި ވަނީ ފާއިތުވި ދުވަސްތަކުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

