ށ. އަތޮޅު ކޮމަންޑޫގައި އައިސްޕްލާންޓެއް ބަހައްޓަން ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
މަސްވެރި ކަމާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގައި ފެނާއި ނަރުދަމާއި ކަރަންޓުގެ ޚިދުމަތްދޭ ކުންފުނި ފެނަކަ ކޯޕަރޭޝަނާއެވެ. އެއްބަސްވުން ބުނާ ގޮތުގައި ހަ މަސްތެރޭގައި އެމަސައްކަތް ނިންމައި ސަރުކާރާ ހަވާލު ކުރަންޖެހެއެވެ.
މި މަސައްކަތް ފެނަކައާ ހަވާލުކުރެއްވީ އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމަސައްކަތް ފެނަކައާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޝް ނަސީރެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދެވެ.
މި އައިސްޕްލާންޓުން ދުވާލަކު 25 ޓަނުގެ އައިސް އުފައްދާނެ އެވެ. އެ އުފައްދާ އައިސް ރައްކާކުރެވޭނެ ވަސީލަތްތައް ވެސް އައިސްޕްލާންޓާއެކު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރީންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަވާ މިފަދަ މަޝްރޫގެ ދަށުން ބަހައްޓާ ޕްލާޓެއް ކަމަށް އެނގިފައިވެއެވެ.

