އަމިއްލަ އިސްނެގުމަށް އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރި ތިން ވަނަ ސަރުކާރު ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެއެވެ.
އާހިދު އެކްސްގައި ވިދާޅުވެފައިވަނީ އަމިއްލަ އިސްނެގުމަށް އާންމުކުރަންޖެހޭ މައުލޫމާތު އާންމުކުރި ތިން ވަނަ ސަރުކާރު ކުންފުންޏަކަށް ފެނަކަ ވެފައިވާ ނަމަވެސް، އެ ހިސާބުން މަސައްކަތް ނުނިމޭ ކަމަށާއި އަމިއްލަ ފަރާތްތަކުން މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބުދޭން ޖެހޭ މުއްދަތުގެ ތެރޭގައި ޖަވާބުދިނުން ވެސް މުހިންމު ކަމަށެވެ.
ފެނަކައިން މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ލަނޑުދަނޑި ހާސިލުކުރުމަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ނަޒާހަތްތެރިކަން އިތުރުވެ، ކޮރަޕްޝަނަށް އޮތް ފުރުސަތުތައް ހަނިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ ފެނަކައިގެ އާ މެނޭޖުމަންޓުން ކުންފުނީގެ ކަންކަން ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ އިޚުލާސްތެރި މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބުނެފައިވެއެވެ.
2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަރުކާރުގެ ވުޒާރާތައް ހިމެނޭ ގޮތަށް ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް އާންމުކުރަން ޖެހޭ މައުލޫމާތު ބަޔާންކޮށްފައިވާނަމަވެސް، މި އަހަރުގެ ޖޫން މަހާ ހިސާބަށް އެ ގާނޫނުގައި ލާޒިމުކުރާ ގޮތަށް މައުލޫމާތު އާންމުކޮށްފައިނުވެއެވެ.
ނަމަވެސް، މިދިޔަ ޖޫން މަހު އާހިދު ވަނީ ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ވެސް އަމިއްލަ އިސްނެގުމަށް އާންމުކުރަންޖެހޭ މައުލޫމާތު އާންމުކޮށްފައިވާކަން އިއުލާނުކުރައްވައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ހާމަކުރަން ޖެހޭ މައުލޫމާތު ހާމަކޮށްފައިވާ ކަމަށާއި އެކަމުން ވެސް ސަރުކާރު ހިންގަނީ ދެފުށް ފެންނަ ގޮތެއްގައިކަން ހާމަވާ ކަމަށެވެ.

