ރާއްޖޭގެ އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު (ޢަޒީ) އެ މަގާމަށް އެންމެ ގާބިލު ނޫން ކަމަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ޓްރާންސްޕޭރެންސީން މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ހުސެއިން ރިޟާއަށް ފޮނުވި ސިތީގައި ވަނީ މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނު އެކުލަވައިލުމަށްޓަކައި 2013 ވަނަ އަހަރުން ފެށިގެން މަޖިލީހާ ގުޅިގެން މަސައްކަތްކޮށް އެ ގާނޫނު ތަންފީޒުކުރުމަށްޓަކައި 12 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޭރެންސީން ބުނީ ޢަޒީ ކޮމިޝަނަރުގެ ގޮތުގައި ހުންނެވި މުއްދަތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ފުރިހަމައަށް ތަންފީޒުނުކުރެވި، އެކަމުގެ ސަބަބުން އާންމުންނަށް އެ ހައްގު ލިބިގަތުމުގެ ފުރުސަތާއި އެ ހައްގު ފުރިހަމައަށް ބޭނުންކުރުމުގެ ފުރުސަތު އޮތީ ހަނިވެފައެވެ.
ހަމަ އެހެންމެ އޭނާގެ ދައުރުގައި މައުލޫމާތު ހޯދުމުގެ ފޯމު ފަރުމާކޮށްފައި އޮތީ އެ ހައްގަށް ހުރަސް އެޅޭ ފަދަ ގޮތަކަށް ކަމާއި، އެ ދައުރުގައި އާންމު އަޑުއެހުމެއް ވެސް ފުރަތަމަ ބޭއްވީ ޢަޒީގެ ދައުރުގެ ފަހުކޮޅުގައި ކަމަށް، ޓްރާންސްޕޭރަންސީގެ ސިޓީގައިވެއެވެ.
އެހެންކަމުން އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރާންސްޕޭރަންސީން ވަނީ، ޢަޒީއަކީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އެންމެ ގާބިލު ބޭފުޅާކަމަށް ނުދެކޭ ކަމަށް ބުނެފައެވެ. ވުމާއެކު ޢަޒީގެ ނަން ފާސްނުކޮށް އަލުން އެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމަށް ޓްރާންސްޕޭރަންސީން ވަނީ ގޮވައިލައިފައެވެ.
ޓްރާންސްޕޭރަންސީން އެ ސިޓީ ކޮމިޓީގެ މުގައްރިރަށް ފޮނުވާފައިވާއިރު އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ ވެސް މަގާމުގައި ހުންނެވި ޢަޒީއަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވީ މިއަދުއެވެ.
އިންފޮމޭޝަން ކޮމިޝަނަަކަށް ބޭފުޅަކު އައްޔަންކުރަން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ މުއްދަތަށެވެ.

