ޔޫކްރެއިންގައި ރަޝިޔާއިން ހަނގުރާމަ ފަށާފާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެ އެ ގައުމުގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެއާލައިންތަކުން ދަތުރުތައް ހުއްޓަފާނެ ކަމުގެ ބިރު އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެންމެ ބޮޑު ހާސް ކަމެއް ފާޅު ކުރަމުން ދަނީ ފްލައިޓްތައް ހުއްޓާލުމުން ދަރިވަރުން އެ ގައުމުގައި ތާށިވެދާނެތީ އެވެ.
މިކަމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބަޔާނެއް އާއްމުކޮށް ބުނީ، ޔުކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ އާއިލާތަކާއި މިއަދު ބަދަލުކޮށްފައިވާކަމަށާއި، ހާލަތު ގާތުން މޮނީޓާރ ކުރަމުން ގެންދާ ކަމަށެވެ. އަދި މިވަގުތު ދަރިވަރުންނާއި ވާހަކަ ދައްކަމުން ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށެވެ. ނަމަވެސް މި ވާހަކަތައް ދޮގުކޮށް ދަރިވަރުން އާއްމުކުރި ބަޔާނުގައި ވަނީ ”ހާލަތު ގާތުން ބެލުމަށް“ ކަމަށް ބުނެ ވާހަކަ ދެއްކުން ފިޔަވައި މިނިސްޓްރީން އިތުރު އެއްވެސް ވާހަަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި ހާލަތު ސާފު ކުރުމަށް ވަކި އިތުރު މަސައްކަތެއްކޮށް، މައުލޫމާތެއް ހޯދާފައިނުވާކަމަށް ދަރިވަރުން ބުންޏެވެ.
ހާލަތު ގާތުން ބެލިކަމުގެ ވާހަކަތައް ދައްކާއިރު މިވަގުތު ކިޔަވަމުންދާ ކޯސްއަށް ވީ ގޮތަކާއި، ޔުނިވާސިޓީން އެއްވެސް ފިޔަވަޅުތަކެއް އެޅިތޯ ނުވަތަ އަމިއްލައިން ގައުމަށް ދެވިދާނެތޯ ވެސް ސުވާލު ނުކުރާކަމަށް ދަރިވަރުން ވަނީ ބުނެފަ އެވެ.
ދަރިވަރުން ބުނީ، ރާއްޖެއިން އެމެޖެންސީ ކޮންޓެކްޓެއް ހޯދަން ފޮރިން މިނިސްޓްރީން ގޫގަލް ޝީޓެއް ފޮނުވިކަމަށެވެ. އޭގެ ފަހުން މިނިސްޓްރީން އެއްވެސް ވާހަކައެއް ނުދާކަމަށް ބަޔާނުގައި ވެއެވެ. ބައެއް ދަރިވަރުންނަށް އަމިއްލަ ހަރަދުގައި އެހެން ގައުމަކަށް ނުވަތަ ރާއްޖެއަށް ބަދަލުވިޔަސް ކޮންމެ ކޮންމެ ދަރިވަރަކަށް އެހާ ބޮޑު މާލީ ބުރައެއް ނުއުފުލޭނެކަމަށް ދަރިވަރުން ބުންޏެވެ.
ޔުކްރެއިންގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައި އޮތުމުގެ ސަބަބުން، އެއާލައިންތަކުގެ ޓިކެޓު އަގު ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓިކެޓުގެ އަގު ވަނީ 700 ޑޮލަރު އަގުބޮޑުވެފަ އެވެ. ނަމަވެސް ސަރުކާރުން މިކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށާއި، މިވަގުތު އެ ގައުމުގައި އުފެދިފައި ވަނީ ވަރަށް ސީރިއަސް މައްސަލައެއްކަން ދަރިވަރުން ފާހަގަކުރި އެވެ.
ޔޫކްރެއިންގައި ތިބި ދަރިވަރުން މިފަދަ ދަނޑިވަޅެއްގައި ވަނިކޮށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވެސް ދަރިވަރުންނަށް އެއްވެސް ސަމާލު ނުދެއްވާ ފަތުރުވެރިކަމުގެ ނިޒާމަށް ލިބިދާނެ ގެއްލުމަކަށް ސަމާލުވުމަށް ސަރުކާރަށް ގޮވާލަފައިވާތީ ދަރިވަރުން ފާޑުކިއުން އަމާޒު ކުރި އެވެ.
The situation over Ukraine is very worrying. Ukrainians and Russians are some of our biggest visitors and if war breaks out, it will have all sorts of negative and unforeseen ramifications. The Government must be mindful of these possible impacts on us.
— Mohamed Nasheed (@MohamedNasheed) February 15, 2022
އަދި މި ކަމުން ދޭހަ ވަނީ ސަރުކާރުން ކަންބޮޑުވެފައިވަނީ ދަރިވަރުންް އަބުރާ ރާއްޖެ ގެނައުމަށްވުރެ ފަތުރުވެރިކަމުގެ ނިޒާމަށާއި ރަޝިއާ އާއި ދެމެދުވާ ގުޅުމައްް ހީނަރުކަމެއް ލިބިގެން ހިގައިދާނެތީ ކަމުގައި ބަޔާނުގައި ދަރިވަރުން ވަނީ ބުނެފައެވެ.
އަދި އެހެން ގައުމުތަކުން އެ ގައުމުތަކުގެ އެތައް ހާސް ދަރިވަރުންނެއް ޔޫކްރެއިންއިން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖޭގެ މިހާ މަދު އަދަދެއްގެ ދަރިވަރުން އެ ގައުމުގައި ތިބި އިރުވެސް މި ގޮތަށް އަޅާނުލެވި ދިއުމަކީ ލަދު ގަންނަ ޖެހޭ ކަމެއް ކަމުގައި ދަރިވަރުން ވަނީ ފާހަގަ ކޮށްފައެވެ.
މިއީ އަލަށް މިފަދަ ހާލަތެއް ދިމާވީ ފަހަރު ނޫންކަމާއި، މިހެން ކަތަތައް ހިނގާ ސަރުކާރުގައި އެ ދަރިވަރުންގެ ބެލެނިވެރިން އެމީހުންގެ ދަރިން އަބުރާ ރާއްޖެ އާދެވޭނޭ ގޮތެއް ހަމަޖެއްސުމަށް އާދޭސް ކުރަން ޖެހުމުން ހާމަ ވެގެން ދަނީ މިފަދަ ހާލަތެއް ދެވަނަ ފަހަރުވެސް ކުރިމަތި ވެދާނެތީ އެއްވެސް މިންވަރަކަށް ސަރުކާރުން ތައްޔާރު ވެފައި ނުވާކަންކަމުގައި ދަރިވަރުން ވަނީ ބުނެފައެވެ.
ބަޔާނުގައި ދަރިވަރުން ވަނީ ޔުކްރެއިންގައި މީގެ ކުރިން ވެސް މިފަދަ ކުރިމަތިވެފައިވާތީ، ސަރުކާރުން މިއަށް ވުރެ އަވަސް ފިޔަވަޅު އަޅާނެކަމުގެ އުންމީދު ކުރި ކަމަށެވެ. އޭރު ވެސް ބެލެނިވެރިން ޖެހުނީ ފޮރިން މިނިސްޓަރީއަށް ގޮސް، ސަރުކާރުގެ އިސްވެރިން ކައިރީ އާދޭސް ކުރަންކަމަށާއި މި ހާލަތު ވީހާވެސް އަވަހަށް ނިކުންނަން ބޭނުންވާކަމަށް ދަރިވަރުން ބުންޏެވެ.
ޔުކްރެއިންގައި މިވަގުތު ހުރި ދިވެހި ދަރިވަރަކު ”ސަންގު“ އާއި ވާހަކަ ދައްކަމުން ބުނީ، ބޯޑަރާއި ކައިރީ ހުރި ތަނެއްގައި ދިވެހި 34 ދަރިވަރުން އެބަތިބި ކަމަށެވެ. އަދި ހުރިހާ ސިޓީއެއް އެއްކޮށް 50 އެއްހާ ދަރިވަރުން ތިބޭނެކަމަށް ބެލެވޭކަމަށާއި ބެލެނިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައިކަމަށް ބުންޏެވެ.
ރަޝިޔާގެ ސިފައިން ހަރަކާތްތެރި ވަމުންދާ ބޯޑަރާއި ގާތުގައި ދިވެހި ދަރިވަރުން ތިބިއިރު އެދަރިވަރުން އެދެނީ ރާއްޖެ ނުގެނައިސް ދިން ކަމުގައި ވީނަމަވެސް ސަލާމަތުގެ އައްސޭރިއަކަށް އެކުދިން ގެންގޮސް ދިނުމަށެވެ.
ރަޝިއާ އާއި ޔުކްރެއިނާ ދެމެދު މައްސަލަތަކެއް ޖެހުނީ މިދިޔަ އަހަރު ފަހުކޮޅު ހިސާބުގަ އެވެ. ރަޝިއާއިން ޔުކްރެއިނާއި އެ ގައުމު ގުޅޭ ބޮޑަރަށް 130،000 ލައްކަ ސިފައިން ޖަމާކުރުމަށް ފަހު އެހެން ގައުމުތަކަށް އެކި ޑިމާންޑުތަކެއް ހުށަހެޅި އެވެ. އަދި އެކަންކަން ގަބޫލު ނުކުރާނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދިނެވެ.
ޔޫކްރެއިން އިން އާދީއްތަ ދުވަހު ބުނީ 48 ގަޑިއިރުގެ ތެރޭގައި ރަޝިއާ އާއި އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) ގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އަވަށްޓެރި ދައުލަތް ތަކަށް ހަމަލާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. ނަމަވެސް މޮސްކޯއަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދޭން ފެށިދާނެ ކަމަށް އެމެރިކާއިން ބުނުމާއެކު، ޔޫކްރެއިން ދޫކޮށް ދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގައި ހިމެނެނީ ނޭޓޯ އާއި ގުޅުންތައް ކަނޑާލުމަށާއި، ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށާއި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށެވެ.

