ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުން އެ ޤައުމަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޔޫކްރޭނުގެ މަޝްރަޙު ހޫނުވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި، ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު ބަލަމުންދާކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެ ގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ފޮރިން މިނިސްޓްރީން ވަނީ ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށް އެދިފަ އެވެ.
ޔުކްރެއިނަކީ މިވަގުތު 50 އެއްހާ ދިވެހިން ދިރިއުޅެމުން ދާ ގައުމެކެވެ. އަދި އެ ގައުމުގައި ގިނަ ވާނީ ދިވެހި ދަރިވަރުންނެވެ. އެއީ އާއްމުކޮށް ޑޮކްޓަރުކަމާއި ނަރުސްކަން އަދި އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރުމަށް ދިވެހިން ދާ ގައުމެކެވެ.
މިކަމާއި ގުޅޭގޮތުން ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ، ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އެ ގައުމުގެ ހާލަތު ގާތުން ބަލަމުން ދާ ކަމަށާއި، ނަމަވެސް ޔުކްރެއިން ގައި ތިބި ދިވެހިންނާއި މެދު ވަކި ގޮތަކަށް އަމަލު ކުރަން ނިންމާފައި ނުވާކަމަށެވެ.
ރަޝިއާ އާއި ޔުކްރެއިނާ ދެމެދު މައްސަލަތަކެއް ޖެހުނީ މިދިޔަ އަހަރު ފަހުކޮޅު ހިސާބުގަ އެވެ. ރަޝިއާއިން ޔުކްރެއިނާއި އެ ގައުމު ގުޅޭ ބޮޑަރަށް 130،000 ލައްކަ ސިފައިން ޖަމާކުރުމަށް ފަހު އެހެން ގައުމުތަކަށް އެކި ޑިމާންޑުތަކެއް ހުށަހެޅި އެވެ. އަދި އެކަންކަން ގަބޫލު ނުކުރާނަމަ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ދިނެވެ.
ޔޫކްރެއިން އިން އާދީއްތަ ދުވަހު ބުނީ 48 ގަޑިއިރުގެ ތެރޭގައި ރަޝިއާ އާއި އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) ގެ މެމްބަރުންނާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އަވަށްޓެރި ދައުލަތް ތަކަށް ހަމަލާ ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. ނަމަވެސް މޮސްކޯއަށް ވައިގެ މަގުން ބޮމުގެ ހަމަލާތަކެއް ދޭން ފެށިދާނެ ކަމަށް އެމެރިކާއިން ބުނުމާއެކު، ޔޫކްރެއިން ދޫކޮށް ދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގައި ހިމެނެނީ ނޭޓޯ އާއި ގުޅުންތައް ކަނޑާލުމަށާއި، ސޯވިއެޓް ޔޫނިއަންގައި ހިމެނުނު ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދިނުމަށާއި އިރުމަތީ ޔޫރަޕުގައި ނޭޓޯއިން ކުރިޔަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށެވެ.

