ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހިންނާއި އިންޑިޔާގައި ބުރުގާއެޅުން މަނާކުރުމާއި ގުޅޭ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިންޑިޔާގެ ކިޔަވައިދޭ މަރުކަޒުތަކުގައި ބުރުގާ އެޅުން މަނާކުރަމުންދާތީ އެކަން ފާހަގަކޮށް ހުށައެޅި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މިދެ ކަންތައް ފާހަގަކޮށް ކުއްލި މައްސަލަ ހުށައެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ. މޮސްޓާގެ ކުއްލި މައްސަލާގައި ވަނީ ޔޫކްރެއިންގައި ތިބި ދިވެހި ރައްޔިތުން އަމާން ތަނަކަށް ގެންދިޔުމަށް ގޮވާލާފައެވެ. އަދި އިންޑިޔާގެ ކިޔަވައިދޭ މަރުކަޒުތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދިވެހިންގެ ތެރޭގައިވެސް ބުރުގާ އަޅާ ދިވެހިން އުޅޭކަން ފާހަގަކޮށް ހަރުކަށި ހިންދޫއިން މިހާރު އަމަލުކުރަމުންދާ ގޮތުން އިންޑިޔާގައި އުޅޭ ދިވެހިންނަށްވެސް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާ ހުށައެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދީފައިވަނީ ހާޒިރުވި 31 މެމްބަރުންގެ ތެރެއިން އެންމެ ހަތް މެމްބަރުންނެވެ. ނުފެންނަކަމަށް 17 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ނުފެންނަކަމަށް 1 މެމްބަރަކު ވޯޓު ދެއްވިއެވެ.

ކުއްލި މައްސަލާގައި ނެގި ވޯޓުގެ ނަތީޖާ

ކުއްލި މައްސަލާގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާ ދޭނެ ސީދާ ވަގުތެއް ނޭންގޭކަން ފާހަގަކުރެއްވިއެވެ. އަދި 50އެއްހާ ދިވެހި ދަރިވަރުން ޔޫކްރެއިންގައި ތިބިއިރު އެދަރިވަރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމްކަމެއްކަން ފާހަގަކުރެއްވިއެވެ. ބޮޑެތި ގައުމުތަކުންވެސް އަންނަނީ ޔޫކްރެއިންގައި ތިބި އެގައުމުތަކުގެ ރައްޔިތުން ބޭލުވުމުގެ ކަންކަން ކުރަމުންކަން ފާހަގަކުރައްވާ މޮސްޓާ ވަނީ ޔޫކްރެއިންގައި ތިބި ދިވެހިންވެސް އެގައުމުން ބޭރަށް ގެންގޮސް ރައްކާތެރި ހިސާބަކަށް ގެންދިޔުމަށް ގޮވާލާފައެވެ.

މީގެ އިތުރުން، އިންޑިޔާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީ އިސްކޮށް އޮވެ އިސްލާމްދީނާއި ދެކޮޅަށް ހިންގާ އެކި އަމަލުތައް މީޑިޔާތައް މެދުވެރިކޮށް އާންމުންނަށް ފެންނަމުންދާކަން ފާހަގަކުރައްވާ އެކަމުގެ ސަބަބުން އިންޑިޔާގައި ތިބި ދިވެހިންނަށް މިކަމުގެ އަސަރުކޮށްފާނެކަމަށް މޮސްޓާ ވިދާޅުވިއެވެ. އެގޮތުން ތައުލީމީ މަރުކަޒުތަކަށް ވަނުމުގެ ކުރިން ކިޔަވައިދޭ މީހުންނާއި ދަރިވަރުންވެސް ބުރުގާ ނަގަން މަޖްބޫރުކުރާކަން މޮސްޓާ ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ވީޑިޔޯތައް މީޑިޔާތަކުގައާއި ސޯޝަލް މީޑިޔާގައިވެސް އަންނަނީ ދައުރުވަމުންނެވެ.

މޮސްޓާ ކުއްލި މައްސަލަ ހުށައެޅުއްވުމާއެކު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. އާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށައެޅޭނީ ހިނގާ ހިނގާ ހުންނަ މައްސަލަތަކުން ކަމަށާއި ޔޫކްރެއިންގައި ތިބި ދިވެހިން އެގައުމުން ބޭލުވުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ. މޮސްޓާ ފާހަގަކުރެއްވި އިންޑިޔާއާއި ގުޅުންހުރި ކަންކަމުގައި އާޒިމް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: