އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް މެމްބަރުން އައްޔަނު ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޭސީސީގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވުމުން ދެވަނަ ފަހަރަށް ވެސް ހުޅުވާލި އެވެ.
އޭސީސީގެ މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް އަމީން އާންމު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.
އޭސީސީއަށް ކުރިމަތިލާފައިވާ މެމްބަރުންގެ ތެރެއިން ރައީސްއަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް މަޖިލީހަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ، އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި، އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ، ތާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި، ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު އަދި ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރުއެވެ.
މީގެއިތުރުން އެ މަގާމަށް ކުރިމަތިލެއްވި އިތުރު މެމްބަރުންގެ ނަންތައްވެސް ސިޓީއާއެކު މަޖިލީހަށް ފޮނުވާފައިވެއެވެ.
އެ ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ވަނީ ކޮޓީއަށް ނަންތައް ފޮނުއްވައިފަ އެވެ.

