ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، އަންހެނުންނަށް ނިސްބަތްކޮށް ”ކަނބަލުން“ ނުކިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ދުވަހަށް އިޝާރާތްކޮށް މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އަންހެނުނަށް ”ކަނބަލުން“ ގެ ގޮތުގައ މުހާތަބު ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރާކަމަށާއި އެއީ ހުތުރު ބަހެއް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އޭގެ ބަދަލުގައި ބޭނުން ކުރަންވީ ”އަންހެނުން“ ނުވަތަ ”އަންހެން ބޭފުޅުން“ ކަމަށެވެ.
ދުވަސް ފާހަގަ ކުރާއިރު ސަމާލުކަން ދޭން މުހިންމު ބައެއް ކަންކަން ވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިފަދަ މުނާސަބަތެއްގައި މަސައްކަތް ކުރަންވީ އަންހެނުންނާއި ގުޅޭ ކަންކަމަށް ބަދަލު ގެނެސް މުޖްތަމައުގައި ބާރުވެރި ކުރުވުމަށް ކަމަށެވެ. ރައީސް ނަޝީދު ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ތަފާތު އެކި ވައްތަރުގެ މާތަކާއި، ޗޮކްލެޓުތައް އަދި ކޭކު ނުދިނުމަށް ޖެންޑާރ މިނިސްޓްރީން ކުރި އިލްތިމާސް ރަނގަޅުކަމަށް ވިދާޅުވެފަ އެވެ.
”މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް ގަނެ، އެ މަގުން މަސައްކަތް ކުރަންވީ..“ ރައީސް ނަޝީދު
މިއަދުގެ ޖަލްސާގައި މަޖިލީހުން އަންހެނުންގެ ހައްގުގައި ގެނައި ބައެއް އިސްލާހުތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަކީ ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އިސްލާހުގެ ދަށުން ދައުލަތް ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން މެމްބަރުންގެ އަދަދުތައް އިތުރު ކުރުންކަމަށް ވިދާޅުވި އެވެ.
އަންހެނުންނާއި މުހާތަބު ކުރާއިރު އިހުތިރާމް ބޭނުންވާކަމަށާއި، ނަމަވެސް ކަނބަލުން ކިއުން ރަނގަޅު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
”އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް އެއީ ކަނބަލުންނޭ ކިޔައިގެން ވާހަކަ ދެއްކުން…. އަންހެނުން، އަންހެން ބޭފުޅުން މި ބަސްތައް، އާންމުކޮށް ބޭނުންކުރާ ބަސްތައް ބޭނުން ކުރަމުން ދިއުމަކީ ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް..“ ރައީސް ނަޝީދު
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ ދެ ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމެވެ.

