ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީއާއި މެމްބަރުން އިންތިހާބުކުރާ ގޮތަށް ބޮޑު ބަދަލެއްގެންނަންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ވަކިވަކި އިދާރީ ދާއިރާތަކުން މެމްބަރުން އިންތިހާބު ކުރުމުގެ ބަދަލުގައި، ސިޔާސީ  ޕާޓީތަކަށް ގޮނޑިތަކެއް ހާއްސަކޮށް އެގޮނޑިތަކަށް މެމްބަރުން ކަނޑައެޅުމުގެ އިހްތިޔާރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

 އެމަނިކުފާނު މިއަދު ވަނީ ހުށަހަޅުއްވާ ބައެއް ބަދަލުތަކުގެ ތަފްސީލުތައް ”މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރުން“ ނަމުގައި ނެރުއްވި ބަޔާނެއް މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރައްވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މީގެ ކުރިން ވާހަކަ ދައްކަވަމުން ވެސް ނަޝީދު ވަނީ ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވި ގިނަ އިސްލާހުތަކެއް ވެސް ފާހަގަ ކުރައްވައިފަ އެވެ.

މަޖިލީހަށް ހުށަހެޅޭ ގިނަ ބިލްތަކާއި ގަރާރުތަކާއި އަދި މައްސަލަތައް ވެސް ހުށަހެޅެނީ މުޅި ރާއްޖެއަށް ނިސްބަތްކޮށް ކަމަށް މި ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ. އަދި، އެއީ ވަކިވަކި ރަށްރަށުގެ ކަންކަމަށް ނިސްބަތްކޮށް ހުށަހަޅާ މައްސަލަތަކެއް ނޫން ކަމަށް ފާހަގަކުރެއްވި އެވެ.

”ވަކި ސަރަހައްދެއްގެ ވޯޓު އެ ސަރަހައްދެއް ތަމްސީލު ކުރުމަށް މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ އެންމެ އަސާސީ މަސައްކަތަކީ އެ މެމްބަރެއްގެ ސަރަހައްދުގެ ފަރާތުން ވަކާލާތު ކުރުމެވެ. ސަރަހައްދީ ވަކާލާތުގައި މެމްބަރުން ބަދެވުމުން، މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން މަދުވެއެވެ،“ ނަޝީދު ވިދާޅުވެފައިވެ އެވެ.

މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލު ކުރާ އިރު ގައުމީ ލިސްޓުގައި ވަކި އަދަދަކަށް އަންހެނުން ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ގިނަ ގައުމުތަކެއްގެ މަޖިލިސް އެކުލެވިގެންވަނީ ގައުމީ ލިސްޓެއްގައި މެމްބަރުން ހިމެނޭ ގޮތަށް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ބަދަލުތައް ގެނައުމަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވާފަ އެވެ.

ކޮންމެ މެމްބަރަކުވެސް ތަމްސީލު ކުރައްވަނީ ވަކި ސަރަހައްދެކެވެ. ނުވަތަ ވަކި ރަށްތަކެކެވެ. މި އުސޫލުގައި ކުރިއަށް ދިއުމުން ކޮންމެ 5 އަހަރަކުން މަޖިލީހުގެ ގޮނޑީގެ އަދަދު އެބަ އިތުރުވެ އެވެ. މި ކަމަށް ހައްލެއް ގެނައުމަކީ ބޭނުން ތެރި ކަމެއްގެ ގޮތުގައި ފެނެއެވެ، ނަޝީދުގެ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވެފައިވެ އެވެ.

ގައުމީ ލިސްޓަކުން މެމްބަރުން އިންތިހާބުކުރާ ގޮތަށް މަޖިލިސް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ކަނޑައެޅުމަށް ވެސް ނަޝީދު ވަނީ ހުށަހަޅުއްވާފަ އެވެ.

”ގިނަ ގައުމުތަކުގައި ގެންގުޅޭ އެއް ހަމައަކީ މެމްބަރުން ހަމަވެގެން ރަޖިސްޓަރީ ވެފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށް ގޮނޑިއެއް ދީ އަދި ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާ ކޮންމެ މިތައް ގޮނޑިއަކަށް އެ ޕާޓީއަކުން މެމްބަރެއް ކަނޑައެޅުމުގެ ފުރުސަތު ދިނުމުގެ އުސޫލެވެ. މިފަދަ މެމްބަރުން ވަކާލާތު ކުރާނީ އެބޭފުޅުން އިންތިހާބު ވެފައިވާ ދާއިރާ، ޔައުނީ: އެ ބޭފުޅުންގެ ސިޔާސީ ޕާޓީތަކުގެ އުސޫލުތަކާއި ފަލްސަފާތަކުގެ ދިފާއުގައެވެ،“ ނަޝީދުގެ ހުށަހެޅުއްވުން ތަފްސީލް ކޮށްދެއްވަމުން ވިދާޅުވި އެވެ.

މިފަދަ ބަދަލެއް ގެނެވިއްޖެނަމަ ދާއިރާތަކުގެ ބަދަލުގައި މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލް ވާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ. އަދި، މިހާރުގެ މަޖިލީހުގައި މުޅި ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ މެމްބަރުން ނެތުމާއެކު މަޖިލިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު މެމްބަރުން އިންތިހާބު ކުރަނީ 5000 މީހުންގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާތަކުންނެވެ. މިވަގުތު 87 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު އެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަށް މި ބަދަލާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ނަޝީދު ދެކެވަޑައިގަންނަވަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ވެސް އާންމު ގާނޫނަކުން ކަނޑައަޅާ ކަމެއް ކަމުން އެ ކޯޓުގައި ތިއްބަވާނެ ފަނޑިޔާރުންގެ އަދަދު ވެސް ގާނޫނުއަސާސީގައި ހިމެނުމަކީ ބުއްދިވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، މިނިވަން މުއައްސަސާތަކާއި، ގާނޫނު ތަކުން އުފައްދާ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް އުފައްދާނެ ގޮތް ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތަކުގެ ތެރޭގައި ހިމެނުމަށް ނަޝީދު ތާއިދުކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: