އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނުތަކަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލަން ނިންމައިފި އެވެ.
އެސްޑީއެފްސީން މިއަދު ބުނީ ދަނޑުވެރިކަމަށް ދޫކުރާ ”ދަނޑުވެރި ނަފާ“ ލޯނާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ދޫކުރާ ”ވިޔަފާރި އެހީ“ ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި އެހެނިހެން ލޯނުތަކަށް އެދުމުގެ ފުރުސަތު އަންނަ މެއި މަހުން ފެށިގެން ހުޅުވާލާނެ ކަމަށް އެސްޑީއެފްސީން ބުނެ އެވެ.
ދަނޑުވެރި ނަފާގެ ލޯނަކީ އެސްޑީއެފްސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ ގުޅިގެން ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެކުލަވާލާފައިވާ ލޯނެކެވެ. ވިޔަފާރި އެހީގެ ލޯނަކީ ކުދި ވިޔަފާރިތަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދަތިތަކާ ނުލައި ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ދޭ ލޯނެކެވެ.
ސަރުކާރާއި ބައެއް ސިޓީ ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ ބޭންކް، އެސްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ކާމިޔާބުތަކުގެ މައްޗަށް ބުނެފައިވާ ގޮތުން މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 144 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް އެސްޑީއެފްސީ އިން ވަނީ ލޯނު ދޫކޮށްފަ އެވެ.

