މިދިޔަ އަހަރޔގެ މެއި މަހުގެ 6 ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ނުބަލައި އޮތުމަކީ އެމަނިކުފާނު ޖަލެއްގައި ބޭއްދުންކަމަށް މަޖިލީހުގެ ނައިބު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ ކަންބޮޑުވުން ފާޅުކުރީ މި ހަމަލާގެ ސަބަބުން ރައީސް ނަޝީދު މިހާރު ދިރިއުޅެމުން ގެންދާ ހާލުކޮޅާއިމެދުގައެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ގާތްގަނޑަކަށް ދިރިއުޅުއްވަމުން އެގެންދަވަނީ ޖަލެއްގެ ތެރޭގައިކަމަށާއި ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ލީޑަރުކަމުގައެވެ. ވީއިރު މިހަމަލާއަށްފަހު މިކަމުގެ ބިރުވެރިކަމުގެ ސަބަބުން އެއްވެސް ވަރަކަށް މީހުންނާާއި ބައްދަލުނުކުރެވި ސިޔާސީ މަސައްކަތްތަށް ކުރައްވާނީ ކިހިނެއްކަމާއިމެދު އީވާ ސުވާލު އުފެއްދެވިއެވެ.
މި މައްސަލަ ނުބަލާ އޮތުމަކީ އެމަނިކުފާނުގެ މިނިވަންކަމާއި ވަރަށް ބޮޑު ހައްގަކަށް އަރައިގަތުންކަމަށް ފާހަގޮށް އީވާ ވިދާޅުވީ އެއީ ރައީސް ނަޝީދު ޖަލެއްގައި ބޭއްދުންކަމުގައެވެ. އަދި އަހަރެއްވީއިރުވެސް މިކަން ބެލިފައި ނެތުން މިއީ އޭނާއަށް ގަބޫލު ނުކުރެވޭނެކަމެއްކަމުގައި ވިދާޅުވިއެވެ.
ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ.
މައްސަލައިގައި މިހާތަނަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް އާންމުކޮށްފައެވެ. އެ ބަޔާނުގައިވެސް ވަނީ އީވާ ވިދާޅުވިފަދައިން މައްސަލަ ތަހުގީގުކޮށް އިންސާފް ހޯދައިދެވިފައިނުވާތީ ރައީސް ނަޝީދުގެ އާންމު ދިރިއުޅުމަށް އުދަގޫވާކަމަށެވެ.

