ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަކުން، ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ޑެފިސިޓު 2 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާގޮތުން 1 ޖެނުއަރީ 2022 އިން ފެށިގެން 12 މޭއި 2022 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 10.2 ބިލިއަން ރުފިޔާއެވެ. އަދި މި މުއްދަތުގައި 12.3 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެހެންކަމުން ސަރުކާރުން ވަނީ ލިބުނު އާމްދަނީއަށްވުރެ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ބަޖެޓު ޑެފިސިޓަކީ 2.7 ބިލިއަން ރުފިޔާ އެވެ.
9.2 ބިލިއަން ރުފިޔާ 12 މެއިގެ ނިޔަލަށް ހަރަދުކޮށްފައިވަނީ ހިންގުމުގެ ހަރަދުގެ ގޮތުގައެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 3 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބޭ ފައިސާގެ ބޮޑު މިންވަރެއް ހަރަދު ވަނީ ހިންގުމުގެ ހަރަދަށްކަން ފާހަގަކޮށްލެވެ އެވެ.
2021 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓު ދަރަނީގެ ގޮތުގައި ވަނީ 10 ބިލިއަން ރުފިޔާ އެވެ.

