މި ސަރުކާރުން ރެކޯޑު އަދަދަކަށް ބޭރު ފައިސާ ދޫކޮށްފައިވާ ކަމަށް ވަޒީރުން ވިދާޅުވާނަމަވެސް، އެ ފައިސާ އަކީ ބޭރުގެ ދަރަނި ދައްކަން ސަރުކާރަށް ދޫކުރި ޑޮލަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެކްރޯއިކޮނޮމިކްސް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން އެތެރޭގެ ދަރަނީގެ ގޮތުގައި ފާހަގަކުރާ ދަރަނީގެ ބޮޑު ބަޔަކީ ވެސް އެއީ ބޭރުގެ ދަރަނި ކަމަށެވެ. އަދި އެއީ ބީއެމްއެލްއަށް ލޯނެއް ނަގައިގެން އެ ލޯނު ސަރުކާރަށް ގެނެސްގެން ހޭދަކުރާ ދަރަނި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ޑޮލަރު ގެނެސް އެ ޑޮލަރު ސަރުކާރަށް ގެނެސް އެ ޑޮލަރު ހޭދަކޮށްގެން ކުރާ ހަރަދު ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ޑޮލަރު ދޫކުރި އަދަދު ކުރީ ސަރުކާރަށް ވުރެ ގިނަކަމަށް ވަޒީރުން ވިދާޅުވާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހުރިއްޔާ ހުރި ޑޮލަރެއް ދޫކުރީ ސަރުކާރަށް ކަމަށާއި ބޭރުގެ ދަރަނި ދެއްކީ އެ ފައިސާއިން ކަމަށެވެ. އެއީ މީހެއްގެ ޓީޓީއެއް ހަދަން ނުވަތަ ވިޔަފާރިއެއް ހިންގަން ނުވަތަ ދަރިޔަކު މަދަރުސާއަކަށް ވައްދަން ދިން ޑޮލަރެއް ނޫން ކަމަށް ވިދާޅުވިއެވެ.
”ބައެއް ވަޒީރު ބޭފުޅުންނާއި ބޭފުޅުން އެބަ ވިދާޅުވޭ މި ސަރުކާރުން ޑޮލަރު ދޫކުރި ވަރު ކުރީ ސަރުކާރަށް ވުރެ ގިނައޭ. ގިނަ ވާނެ ނޫންތޯ ރަށުގެ ހުރިއްޔާ ހުރި ޑޮލަރެއް ސަރުކާރަށް ދޫކުރީ. ދޫކުރީމަ ސަރުކާރުން އެ ޑޮލަރު ގެންގޮސް ބޭރުގެ ލޯނު ދައްކަން ދިޔައީ. އެހެންވީމަ ގިނަވެފަތާ އޮންނާނީ. މިއަކީ މީހެއްގެ ޓީޓީއެއް ހަދަން ދިން ޑޮލަރެއް ނޫނޭ. އެއީ ދަރިޔަކު މަދަރުސާއަކަށް ވައްދަން ދިން ޑޮލަރެއް ނޫން. އެއީ ބޭސްކޮޅެއް ކޮށްލަން ހޭދަކުރި ޑޮލަރެއް ނޫން. އެއީ ވިޔަފާރިއެއް ކޮށްލަން ހޭދަކުރި ޑޮލަރެއް ނޫން،“
ދަރަނި އަލުން އެކުލަވާލުމަށް ގައުމުތަކުން އައިއެމްއެފް އާއި ވޯލްޑް ބޭންކާ ގުޅިގެން މަސައްކަތް ކުރާ ކަމަށާއި އެހެންނަމަވެސް، އެފަދަ ޕްރޮގްރާމަކަށް މި ސަރުކާރުން ގޮސްފައިނުވަނީ ރިކަރަންޓް ހަރަދު އެހާ މަތީގައި ބަހައްޓައިގެން ދަރަނި އަލުން އެކުލަވާލަން ބޭނުންނުވާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ހުށަހަޅައިގެން އުޅޭ ބަޖެޓުގެ 70 ޕަސެންޓަކީ ވެސް ރިކަރަންޓް ހަރަދުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ރަށެއްގެ އިންޖީނު ގެއެއްގައި އެއް މެގަވޮޓުގެ ކަރަންޓު ނުއުފެއްދިނަމަވެސް، ފަންސާހަކަށް މުވައްޒަފުން ތިބެދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރިސޯޓެއްގައި ފަސް މެގަވޮޓްގެ ކަރަންޓު އުފައްދާއިރު އެތަނުގައި މުވައްޒަފުންގެ ގޮތުގައި ތިބެނީ ހަތަރު ވަރަކަށް މީހުން ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ކުރެވެމުންދާ އިސްރާފު އިންތިހާއަށް ބޮޑު ކަމަށެވެ.
ދަރަނި އަލުން އެކުލަވާލާފައި ލުއި ގޮތަކަށް ދެއްކެން ނެތުމުން ސަރުކާރުން ހުރިހާ ފައިސާއެއް ދަރަނި އަނބުރާ ދައްކަން ހަރަދުކުރުމުން ޑޮލަރު ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ މައްސަލަތައް މި ސަރުކާރަށް ހައްލުކުރެވޭ ތަނެއް ފެންނަން ނެތް ކަމަށް ވިދާޅުވިއެވެ.
މިދިޔަ އޮކްޓޯބަރު ފަސް ވަނަ ދުވަހު ”އަހާ“ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރައްވާފައިވާ ގޮތުގައި، ވޭތުވެދިޔަ 30 މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާ ކަމަށެވެ.

