ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސްއިން ބައެއް ކައުންސިލްތަކަށް، ބޭނުން ކުރާނީ ކުނި މެނޭޖު ކުރުމަށް!

ވިޔަވަތި ކައުންސިލް ބައްދަލުވުމުގައި ކުރީގެ އެންވައިރޮމެންޓް މިނިސްޓަރު ޝައުނާ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން ބައެއް ރަށު ކައުންސިލްތަކަށް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް އެކަމުގެ މަޝްވަރާ ބައްދަލުވުންތަކަށް ހާއްސަކޮށް ބާއްވާ ވިޔަވަތި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަން ކުރުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއިއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒު ކުރުމުގެ ކަންކަން ކުރިޔަށްދާގޮތް ގާތުން ބެއްލެވުމާއި އަދި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި އަދި ކަމާއި ބެހޭ ދައުލަތުގެ ވަޒީރުންނާއި މަޝްވަރާކޮށް ހައްލުތައް ހޯދުމެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހިމެނޭހެން މިއަދު ފެށި ބައްދަލުވުމުގައި ކައުންސިލްތަކަށް ދިމާވާ ދަތިތައް ހިއްސާ ކުރި އެވެ. ކައުންސިލްގެ ރައީސުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ، މާލީ ބާރުވެރިކަން ކުޑަވުމާއި، ބަޖެޓުގެ ދަތިތައް ދިމާވެފައި ވުމެވެ. އަދި ލާމަރުކަޒީ ނިޒާމުގައި ބައެއް އުސޫލުތައް ހިމަނާފައި ވީ ނަމަވެސް އާމްދަނީ ލިބޭނެ ގޮތްތައް މަދުކަން ކައުންސިލްތަކުން ފާހަގަ ކުރި އެވެ.

މި މައްސަލައަށް ބައެއް ކައުންސިލަރުން ހައްލެއް ދެއްކެވިއިރު، އޭގެތެރެއިން ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވެ ތާއީދު ކުރީ ގްރީން ޓެކްސްއިން ބައެއް ކައުންސިލްތަކަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ. ހާއްސަކޮށް ރާއްޖޭގެ ބައެއް ރަށްތަކަކީ ލޯކަލް ޓޫރިޒަމް އިންތިހާއަށް ކުރިއަރާފައިވާ ރަށްތަކަށް ވުމުން ދައުލަތަށް ބޮޑު އާމްދަނީއެއް ވަންނަކަން ފާހަގަ ކުރި އެވެ.

މި ފަތުރުވެރިންގެ އަތުން ޓެކްސް ނެގި ނަމަވެސް، ރަށުގައި ހުންނަން ޖެހޭ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނެތުމަކީ ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލްތަކުން ފާހަގަކުރި އެވެ.

މީގެއިތުރުން އުފެދޭ ގިނަ އަދަދެއްގެ ކުނިތައް ރައްކާތެރި ގޮތެއްގައި ނައްތާލެވޭނެ ގޮތެއް ނެތުމުގެ ޝަކުވާ ހުށަހެޅި އެވެ. އެ އިންތިޒާމުތަކަށް ބޭނުންވާ ބަޖެޓުތައް ނެތުމުގެ ސަބަބުން، ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ވެސް އެކަށީގެންވާ ހައްލެއް ނުގެނެވޭކަމަށް ކައުންސިލްތަކުގެ ރައީސުން ބުންޏެވެ.

ކައުންސިލްތަކުގެ ރައީސުންގެ ވާހަކައަށް ފަހު މިނިސްޓަރު ޝައުނާ ވިދާޅުވީ، ކުނި މެނޭޖު ކުރުމުގެ މަސައްކަތްތަކަށް ގްރީން ޓެކްސްއިން ގްރާންޓެއް ކައުންސިލްތަކަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި ގްރާންޓުގެ ދަށުން ފައިސާ ދޫކޮށް، ކުނި ޓްރާންސްފާ ކުރުމުގެ މަސައްކަތް ކައުންސިލްތަކަށް ކުރެވޭނެކަމަށް ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ރަށްތަކަށް ލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައެޅިގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކުނި ރައްކާތެރި ގޮތުގައި ނައްތާލުމާއި އެކު، ކުނި ނައްތާލާނެ ސަރަހައްދަށް ގެންދިއުމުގައި އެހީ ލިބިގެންދާނެކަމަށް ޝައުނާ ވިދާޅުވި އެވެ.

 ގްރީން ޓެކްސްއިން ލިބޭ ފައިސާގެ ބައެއް ރަށްރަށުގެ ކައުންސިިލްތަކަށް ދީގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް 2028 ގެ ރިޔާސީ ކެމްޕެއިނުގައި ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ.

ކޮންމެ އަހަރެއްގެ ވެސް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 500 މިލިއަން ރުފިޔާއިން މައްޗަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: