އެމްޑީޕީގެ މިސަރުކާރުން ދިވެހިން ދަރަނިވެރިކުރުވާ ދަރަނީގެ ބޮޑު ކަސްތޮޅެއްގައި އަޅުވަމުންދަނީ ސިޔާސީ އިތުރު ދައުރެއްގެ ދަހިވެތިކަމުގައިކަމަށް މިސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެ ދަރަނީގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި މާލީ ރިޒާވް ހުސްވެ ބަގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލް އަގުވާމީ ޖަމިއްޔާތަކުންދިނުމާއި ގުޅިގެން ކުރެވެމުންދާ ބަހުސްގެ ސަބަބުންނެވެ.
މަލީހު ވިދާޅުވީ، ކުފޫ ހަމަނުވާ ވެރިޔަކު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭކަމަށެވެ. އަދި ފެންނަނީ ފޮށި ތަންމަތި ބަންނަ މަންޒަރުކަމަށްވެސް މިކަމާއި ގުޅިގެން މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ މިގަމާރު ސަރުކާރުން ދިވެހިން ދަރަނިވެރިކުރުވާ ދަރަނީގެ ބޮޑު ކަސްތޮޅެއްގައި އަޅުވަމުން އެދަނީ ސިޔާސީ އިތުރު ދައުރެއްގެ ދަހިވެތިކަމުގައި. ކުފޫ ހަމަނުވާ ވެރިޔަކު ދެވަނަ ދައުރެއްގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭ. ފެންނަމުންދަނީ ފޮށި ތަންމަތި ބަންނަ މަންޒަރު.
— Mohamed Maleeh Jamal (@maleehjamal) June 18, 2022
ފާއިތުވެދިޔަ ތަނުގައި ދައުލަތުގެ ދަރަނި އިންތިހާއަށް މަތިވެ، އަދި ވޭތުވެދިޔަ ސަރުކާރުން ނަގާފައިވާ ޗައިނާގެ ދަރަންޏަކީ ރާއްޖެއަށް އޮތް ދަރަނީގެ ބޮޑު ދަންތުރައެއްގެ ގޮތުގައި މިސަރުކާރުގެ ސިޔާސީ އިސް ބައެއް ފަރާތްތަކުން މިހާތަނަށް ދައްކަވަމުން ގެންދެވި ނަމަވެސް ދާދި ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެއީ ދަރަނީގެ ދަންތުރެއް ނޫންކަމަށް ސިފަވާގޮތަށް ވާހަކަ ދައްކާފައެވެ.
ބައިނަލްއަޤްވާމީ މާލީ ބައެއް އިދާރާތަކުން ވަނީ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ ދަރަނި ނުދެއްކޭނެކަމުގެ އިންޒާރުދީފައިވާ މި ދަނޑިވަޅުގައިވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ފައިނޭންސް މިނިސްޓާރ އިބްރާހީމް އަމީރު ވިދާޅުވަމުން ގެންދަވަނީ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކަމަށާއި، މިސްރާބުވެސް ހުރީ ރަނގަޅަށްކަމަށެވެ. އަދި ދަރަނި ނުދެއްކޭނެ ހާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

