ހޯޕް ފޯ ވިމެންގެ ނަމުގައި ހިންގާ ޖަމްއިއްޔާއަކުން ލިޔެފައިވާ ރިޕޯޓެއްގައި އިސްލާމީ އުސޫލުތަކަށް ފާޑުކިޔާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ހޯޕް ފޯ ވިމެން އަކީ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުސަދުގައި 2010 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމްއިއްޔާއެކެވެ. ކުރިން ވަޒީރުކަމުގެ މަގާމު ފުރުއްވާފައިވާ އަނީސާ އަހުމަދާއި، ރާޝިދާ ޔޫސުފު ފައުންޑަރުންގެ މަގާމުގައި ތިއްބަވާ މި ޖަމްއިއްޔާއިން ދިވެހި ސަރުކާރާއި ގުޅިގެން އެކި ހަރަކާތްތައް ހިންގާއިރު، އެ ހަރަކާތްތަކުގެ ތެރޭގައި ޔޫތު މިނިސްޓްރީ އާއި އެ ޖަމްއިއްޔާ އާއި ގުޅިގެން ކުރިއަށް ގެންދާ ”ހަފްތާރެސް“ ޕްރޮގްރާމް ހިމެނެއެވެ.
”ހަފްތާރެސް“ ގެ ނަމުގައި ދާދި ފަހުން، ރ.އުނގޫފާރުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ސުކޫލު ކުދިން ހަރުކަށި ފިކުރަށް ދާނެ އަލާމާތްތައް ދެނެގަންނާނެ ޕްރޮފައިލް ލިސްޓެއްގެ ފޮޓޯއެއް އާންމުވެފައިވެއެވެ. އަދި ވަގުތަށް ނަމާދު ގާއިމު ކުރުން، ފުރާވަރު ކުދިން ތުނބުޅި ބެހެއްޓުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ގޮސްދާނެ ކަމުގެ އަލާމާތްތައް ކަމަށް ޖަހާފައިވާ އެ ލިސްޓުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުވުމާއި އެކު އެކަމަށް އާންމުންގެ ފަރާތުންނާއި، ސިޔާސީ ބޭފުޅުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތަކުގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރު އޮންނަ ގޮތާއިމެދު ހޯޕް ފޯ ވިމެން އިން 2017 ވަނަ އަހަރުތެރޭގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އެ ޖަމްއިއްޔާއިންވަނީ ކިޔަވާ ފޮތްތަކުގައި އަންހެނުންގެ ދައުރާއި ދަރަޖައާ ގުޅޭ ގޮތުން ފެންނަން ހުރި ކަންކަން ދިރާސާކޮށް އެކަންކަން ބަޔާންކޮށްފައެވެ. އަދި ދަރިވަރުން ކިޔަވާ އިސްލާމް ފޮތުގައިވާ، އިސްލާމީ ޝަރީއަތުގެ ބައެއް ހުކުމްތަކާއި އުސޫލުތަކަށް އެ ޖަމްއިއްޔާއިންވަނީ ފާޑުކިޔާފައެވެ.
ހޯޕް ފޯ ވިމެން އިން ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތަކުގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރު އޮންނަ ގޮތާއިމެދު ޝާއިއުކޮށްފައިވާ ލިޔުމުގައި އެ ޖަމްއިއްޔާއިން ވަނީ ގުރޭޑް ހަތަރެއްގެ އިސްލާމް ފޮތުގައި ޖަމާއަތުގައި ނަމާދުކުރުމާ ގުޅިގެން އޮތް ލިޔުމަކަށް އަލިއަޅުވައި ފާޑުކިޔާފައެވެ. އެ ޖަމްއިއްޔާއިން ބުނެފައިވާގޮތުން ޖަމާއަތުގައި ނަމާދު ކުރާއިރުގައި އަންހެނުން ނަމާދު ކުރާނީ އެންމެ ފަހަތު ސަފުގައި ކަމަށާއި އެންމެ ކުރީ ސަފުތަކުގައި ތިބޭނީ ފިރިހެނުންނާއި ކުޑަކުދިން ކަމަށްވުމުން، އަންހެނުންނަކީ (ސަބްސާވިއެންޓް) ސުވާލުކުރުމެއް ނެތި ބުނާ ބަހަކަށް ތަބާވެ ތިބޭ ބައެއްކަމަށް ދޭހަވެގެންދާކަމަށެވެ.
އަންހެނުންނާއި ފިރިހެނުންގެ ދައުރު ދަރިވަރުންނަށް ކިޔަވައިދޭ ފޮތްތަކުގައި އޮންނަގޮތަށް އަލިއަޅުވާލައި ހޯޕް ފޯ ވިމެން އިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ގުރޭޑް 11 އަދި 12ގެ އިސްލާމް ފޮތުން، އަންހެނުންނާއި ފިރިހެނުންގެ ދަރަޖައިގެ ތަފާތު އިތުރަށް ސާފުވެގެންދާކަމަށެވެ. އަންހެނުންނާއި ފިރިހެނުންގެ ދަރަޖައިގެ ތަފާތު އިތުރަށް ސާފުވެގެންދާކަމަށް ފާހަގަކޮށް އެ ޖަމްއިއްޔާއިން އިޝާރާތް ކުރީ ދަތުރުތައް ކުރުމުގައި އަންހެނުންނަށް މަހުރަމެއް ބޭނުންވާނެކަމަށް ފޮތުގައި ލިޔެފައިވާ ލިއުމަށެވެ. އެހެންނަމަވެސް ފިރިހެނުންނަށް މަހުރަމެއް ބޭނުންނުވާކަން ފާހަގަކޮށް އެ ޖަމްއިއްޔާއިން ބުނެފައިވަނީ އެކަމުގެ ސަބަބުން އަންހެނުންނަކީ ނިކަމެތި، ބަލިކަށި ބައެއް ކަމަށް ދޭހަވާ ކަމަށެވެ.
ދަތުރުތައް ކުރުމުގައި އަންހެނުންނަށް މަހުރަމެއް ބޭނުންވާނެކަމަށް، ގުރޭޑް 11 އަދި 12ގެ އިސްލާމް ފޮތުގައި އޮތުމުން އަންހެނުންނަކީ ނިކަމެތި، ބަލިކަށި ބައެއް ކަމަށް ދޭހަވާކަމަށް ބުނެ އިތުރަށް އެ ޖަމްއިއްޔާއިން ފާހަގަކުރީ، އުމަރުގެފާނުގެ ހިލާފަތުގައި މަރުގެ ދިޔަ ދިނުމުގައި ގެންގުޅުއްވި ސިޔާސަތަށެވެ. އެ ޖަމްއިއްޔާގެ ލިޔުމުގައި ބުނެފައިވާގޮތުން އުމަރުގެ ފާނުގެ ހިލާފަތުގައި، ފިރިހެނެއްގެ މަރުގެ ދިޔައަކީ 1000 ދީނާރު ނުވަތަ 12،000 ދިރުހަމްކަމަށް އަދި އަންހެނެއްގެ ދިޔަ އަކީ 500 ދީނާރު ނުވަތަ 6000 ދިރުހަމްކަމަށް އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ލިޔުމުން އަންހެނެއްގެ ފުރާނައިގެ އަގަކީ ފިރިހެނެއްގެ ފުރާނައިގެ އަގުގެ ދެބައި ކުޅަ އެއްބައިކަމުގައި މާނަ ކުރެވިދާނެކަމަށެވެ.
”If one wants to analyze this, one can say that the life of a woman is worth half that of a man“ ހޯޕް ފޯ ވިމެން
ހޯޕް ފޯ ވިމެން ޖަމްއިއްޔާއިން ބުނެފައިވާ ގޮތުން، ގުރޭޑް 8 ގެ އިސްލާމް ފޮތުގައި ދެ އަހަރު ނުވާ ކިރުބޯ ކުޑަ އަންހެން ކުއްޖެއްގެ ކުޑަކަމުދާ ތަކެއްޗަކީ ނަޖިހެއް ކަމަށް ބަޔާންކޮށްފައިވާއިރު، ހަމަ އެ އުމުރުގެ ފިރިހެން ކުއްޖެއްގެ ކުޑަކަމުދާ ތަކެއްޗަކީ ފެން ކޮޅަކުން ފުހެލުމުން ސާފުވާނެ އެއްޗެއް ކަމަށް ބަޔާން ކުރުމުން އެކަމުން، ހައިޟުވުން ފަދަ އަންހެނެއްގެ ހަޔާތުގައި އަންނަ އެހެނިހެން ކަންކަން ނުސާފުކަމަށް ބުނާވާހަކަތަކުގެ މާނަ ދޭހަވާކަމަށެވެ. އަދި ހައިޟުވުމަކީ ވަރަށް ނުސާފު ކަމެއް ކަމަށް ބަލާކަމަށާއި، އެ ދުވަސްވަރު އަޅުކަމުގެ ކަންކަން އަދާ ނުކުރެވޭކަން އެ ޖަމްއިއްޔާއިން ފާހަގަކޮށްފައިވެއެވެ.
ގުރޭޑު 8ގެ ފޮތުގައި، ކައިވެނިން ބޭރުން ޖިންސީގުޅުން ހިންގުމާއި ބެހޭގޮތުން ލިޔެފައިވާ ލިޔުމަށް އިޝާރާތްކޮށްވެސް ހޯޕް ފޯ ވިމެން އިން ފާޑުކިޔާފައިވެއެވެ. އެގޮތުން އެ ޖަމްއިއްޔާއިން ބުނެފައިވަނީ ގުޜޭޑު 8 ގެ އިސްލާމް ފޮތުގައި ވާގޮތުން، ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާ އަންހެނަކު ފިރިހެނަކަށް ވުރެން ފާފަވެރިވާކަމަށެވެ. އަދި އެއީ އަންހެނުން ގެ ރީތިކަން ފިރިހެނުންގެ ކުރިމަތީ ދައްކައިގެން ނުވާނެކަމަށް ފޮތުގައި ލިޔެފައިވާކަމަށް އިޝާރާތްކޮށް، އެ ޖަމްއިއްޔާއިން ބުނެފައިވަނީ، އެ ފަދަ ގުޅުމެއް ހިންގަން އަންހެނަކަށް ވުރެން ފިރިހެނަކު ހިންގައިފި ނަމަ ކުށް ކުޑަވެދާކަމަށެވެ.
މީގެ އިތުރުން ހޯޕް ފޯ ވިމެން އިންވަނީ، ކައިވެނީގެ ބޭރުން ހިންގާ ނަހަމަ ޖިންސީ ގުޅުން ސާބިތު ކުރުމަށް، އިސްލާމީ ޝަރީއަތުގައި ވާގޮތުން ހަތަރު ފިރިހެނުންގެ ހެކިބަސް ބޭނުންވާ ކަމަށާއި ވައްކަމުގެ މައްސަލަތަކުގައި ވެސް އަންހެނުންނަށް ހެކިބަސް ނުދެވޭ ކަަށާއި ރޯދަމަހަށް ހަނދުބެލެނީވެސް ހަމައެކަނި ފިރިހެނަކަށް ކަމަށް ފާހަގަކޮށް އެކަމަށް ފާޑުކިޔާފައިވެއެވެ. ހޯޕް ފޯ ވިމެން އިން ބުނެފައިވަނީ އެކަން ކަމުން ދޭހަވެގެންދަނީ، އަންހެނުންނަށް ވުރެން ފިރިހެނުން މަތިކޮށްފައިވާކަމަށެވެ.
މީގެ ކުރިންވެސް ދިވެހިންގެ ތެރޭގައި މިފަދައިން ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތަކާއި މިސްކިތްތަކުގެ ހުރުމަތް ކެނޑުންފަދަ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މިސްކިތްތަކަށް އަރާ ކުޑަކަމުދިއުމާއި، މުދިމަަކަށް ސަބަބެއް ނެތި ހަމަލާދިނުން އަދި، އެމްޑީއެންގެ ނަންދެވިފައިވާ ޖަމްއިއްޔާއަކުން ނެރެފައިވާ ރިޕޯޓުފަދަ ކަންކަމަށް ފިޔަވަޅުތައް އެޅި އެފަދަ ކަންކަން ވިޔަ ނުދީ ހިފެހެއްޓި ހުއްޓުމަކަށް ގެނެވިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

