އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަ ށ. ފުނަދޫ ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އާމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.
މި މައްސަލަ އާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި ވަނީ އެމައްސަލައިގައި ހުށައަޅާފައިވާ ހެއްކާއި ގަރީނާތަކަށް ބަލައި އެނގިހުރެ މީހަކު މެރުމުގެ ކުށް ޝާހިދާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
މި މައްސަލައިގައި ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި އެކުއްޖާ މަރާލި އިރުވެސް ޝާހިދާގެ ނަފްސާނީ މައްސަލަ ތަކެއް ހުއްޓެވެ. ސައިކޮލޮޖިކަލް އެސެސްމެންޓްތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ދައްކާ ފަރުވާ ކުރަމުން ގެންދާ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.
ނަމަވެސް މިކަމާއި ގުޅިގެން ހެދި ޓެސްޓުތަކާއި ހެކިންގެ ހެކިބަހުން އެނގުނު ގޮތުގައި އޭނާ މި އަމަލު ހިންގާފައިވަނީ އެފަދަ ހާލަތެއް މެދުވެރިވެގެން ނޫންކަން ސާފުކޮށް އެނގިގެން ދެއެވެ.
އެހެންކަމުން އެމައްސަލައިގައި ކޯޓުން ވަނީ 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މި ހުކުމް އިއްވިއިރު ޝާހިދާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތުން އުނިކުރި ދުވަސްތަކާއެކު ހުކުމުގައި ބާކީ އޮތީ 11 އަހަރާއި ދެމަހެވެ.
މި މައްސަލައިގައި މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.
މީގެ ހަ އަހަރު ކުރިން އެ ކުޑަކުއްޖާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާޢި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާޢި ދަތްދޮޅުއަށް ހަމަލާ ދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.
އެކުއްޖާގެ ގަޔަށް ހެރި ވަޅި ވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑަކުން ވަނީ ފެނިފައެވެ.

