އިސްލާމް ދީން ފެތުރުމަށާއި، ހިމާޔަތް ކުރުމުގެ މަގުސަދުގައި ވުޖޫދުވެފައިވާ އަދާލަތު ޕާޓީގެ އިސްވެރިޔާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސިޔާސީ ރޭސް ކާމިޔާބު ކުރައްވާނެ އުކުޅެއް ހާމަކޮށްފިއެވެ.
ދީނީ އިލްމުވެރިންނާއި، ސިޔާސީ އިސްވެރިން އަދި އާންމުންގެ ފަރާތުންވެސް، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުތަކެއް ވަމުންދާކަމަށް ފާހަގަކޮށް، ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާ އިމްރާން އަބްދުﷲ ވިދާޅުވީ، ސިޔާސީ ރޭހުގައި ދުރު ރާސްތާ ކާމިޔާބީއެއް ހޯދޭނީ، އަމިއްލަ މަސްލަހަތައްވުރެ، ދީނާއި، ގައުމު އަދި ރައްޔިތުންގެ މަސްލަހަތު އިސްކުރާ މީހަކަށް ނުވަތަ ބަޔަކަަށްކަމަށެވެ.
Siyasee reyhugai dhururaastha kaamiyaabee’eh hoadheynee thimaage amilla maslahathahvure dheena,qauma,rayyithunge maslahathu iskura meehakah nuvatha bayakah.
— Imran Abdulla (@ShimranAb) July 23, 2022
ސިޔާސީ ރޭހުގައި ކާމިޔާބީ ހޯދުމަށް، ގެންގުޅެންވީ އުކުޅުތަކެއް ހާމަކުރެއްވި އިމްރާންވަނީ މީގެ ކުރިންވެސް ޓްވީޓްތަކެއް ކުރައްވާފައިއެވެ. އެގޮތުން ދީނީ ހުދޫދު ނެތިކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދައި، ކޯފާއަށް ގައުމު ހުށައެޅޭފަދަ މުޑުދާރު އަމަލުތައް ލޯކުރިމަތީ ތަކުރާރުވާނަމަ، ބައްލަވައިގެން ނުހުންނަވާނެކަމަށާއި، ގާނޫނީ އިމުގެ ތެރެއިން އެފަދަ އަމަލުތަކަށް އެޅުމަށް ކަންޑައެޅިފައިވާ ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް އިމްރާން ވިދާޅުވެފައިވެއެވެ.
ސިޔާސީ ރޭސް ކާމިޔާބު ކުރެވިގެންދާނީ، އަމިއްލަ މަސްލަހަތައްވުރެ، ދީނާއި، ގައުމު އަދި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެންކަމަށް އިމްރާން ވިދާޅުވީއިރު، އެ މަނިކުފާނުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވާއިރު، ދިވެހިރާއްޖޭގައި، ދީނާއި ހިލާފު އަމަލުތައް ހިންގަމުންދާކަން ފެންމަތިވެ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތަކެއް އެޅިފައިނުވާއިކަމަށް ފާހަގަކޮށް، ދީނީ އިލްމުވެރިންނާއި، އާންމުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
މީގެ އިތުރުން ދާދީ ފަހުން ހިންގައިދިޔަ ޔޯގާ ޑޭގެ ހަމަނުޖެހުމުގައި ބައިވެރިވެފައިވާކަމަށް ބުނެ، ދީނީ އިލްމުވެރިންތަކެއް ހައްޔަރު ކުރުމަށްފަހު، ބަންދުގެ މުއްދަތު އިތުރު ކުރަމުންދިއުމާއި ގުޅިގެންވެސް އެ މަނިކުފާނަށްވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައިއެވެ.
ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރު ކުރެވުނު ދީނީ އިލްމުވެރިންގެ ތެރެއިން، ޝައިހު ފަޒްލޫނު މިހާރުވަނީ، ޝަރުތަކެއް ކުރުމަށްފަހު ދޫކޮށްލެވިފައިއެވެ.

