ރަޝިއާ- ޔޫކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމަ، ހުއްޓުމަކަށް ގަނައުމަށް، ވޭތުވެދިޔަ މާޗު މަހުގެ ތެރޭގައި ރަޝިއާއިން ތައްޔާރަށް ތިބި ކަމަށާއި، އެހެން ނަމަވެސް، ”ހުޅަންގުން“ ވަނީ، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޔޫކްރެއިންނަށް ބާރު އަޅާފައިކަމަށް، ރަޝިއާގެ ފޮރިން މިނިސްޓަރު ސާރގޭ ލެވްރޮވް ވިދާޅުވެއްޖެއެވެ.
ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، އެކި ގައުމުތަކަށް، ކާބޯތަކެތި ހޯދުމަށް ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ގެނައުމަށް ދެގައުމުގެ ދެމެދު އަލަށް ގާއިމު ކުރެވުނު އެއްބަސްވުންވެސް އަވަސްގޮތަކަށް ހީނަރުވަމުން އަންނަ ދަނޑިވަޅެއްގައި ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮވް ވިދާޅުވީ، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ މަސައްކަތްތަކުގެ މަގުސަދަކީ، މިވަގުތު އެ ގައުމުގެ ވެރިކަމުގައި ހުރި ވޮލޯޑޮމީރް ޒެލެންސްކީގެ ސަރުކާރު ވައްޓާލުންކަމަށެވެ.
ރަޝިއާ- ޔޫކްރެއިން ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ރަޝިއާގެ މަގުސަދަކީ، އެ ގައުމުގައި މިހާރު ގާއިމު ކުރެވިފައިވާ ވެރިކަން ވައްޓާލުންކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، ރަޝިއާގެ ފޮރިން މިނިސްޓަރު ލެވްރޮވް ވިދާޅުވީ، ރަޝިއާއިން ޒެލެންސްކީގެ ވެރިކަން ވައްޓާލަން ބޭނުންވާ ސަބަބަކީ، ޔޫކްރެއިންގެ ރައްޔިތުން އެ ”މުސީބާތުން“ މިނިވަން ކުރުމަށް ކަމަށާއި، ޒެލެންސްކީގެ ވެރިކަމަކީ، އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭ ސަރުކާރެއްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.
ރަޝިއާއިން މަސައްކަތްކުރަމުންދަނީ، ޔޫކްރެއިންގެ ރައްޔިތުން ޒެލެންސްކީގެ ވެރިކަމުން މިންޖުކުރުމަށްކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، ސާރގޭ ލެވްރޮވް ވިދާޅުވީ، ޔޫކްރެއިންގެ ”ހުޅަނގުގެ ވާގިވެރިން“ މަސައްކަތްކުރަމުންދަނީ، ރަޝިއާ ޔޫކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓިޔަ ނުދިނުމަށްކަމަށެވެ. އަދި އެމެރިކާއިން، ޔޫކްރެއިންނަށް ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިރުޝާދުތައް ދެމުންދާކަމަށްވެސް އެނާ ވަނީ ތުހުމަތު ކުރައްވާފައިއެވެ.
ރަޝިއާ- ޔޫކްރެއިން ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ބޭނުންވެފައިތިބި ނަމަވެސް، ހުޅަނގުން އެ ހަނގުރާމަ ކުރިއަށް ގެންދިއުމަށް ޔޫކްރެއިންނަށް، އިރުޝާދުތަކެއް ދެމުންދާކަމަށް ފާހަގަކުރައްވާ ސާރގޭ ލެވްރޮވް ވިދާޅުވީ، ރަޝިއާއިން ޔޫކްރެއިންގެ ރައްޔިތުންނާއި، ތާރީހާވެސް ދެކޮޅު، ޒެލެންސްކީގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެހީ ވާނެކަމަށެވެ. އަދި ދެގައުމުގެ ރައްޔިތުން އެކުގައި ދިރިއުޅުން ކުރިއަަށްގެންދާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

