ދުވާފަރު ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތް އަދި މުދަލު ޒަކާތްވެސް އޭގެ ހައްޤުވެރިންނަށް ބަހާފައިވާކަމަށާއި އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓުވެސް މިނިސްޓްރީން އަންގާފައިވާ ތާރީޚަށް ފޮނުވާފއިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ކައުންސިލްތައް މެދުވެރިކޮށް ފިތުރު ޒަކާތާއި މުދަލު ޒަކާތުގެ ފައިސާ ބެހުމުގެ ކަންކަން ކުރިއަށްގެންދާ ގޮތާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ނެރެފައިވާ ބަޔާނުގައިވަނީ ޒަކާތަކީ ދީނުގެ އެއް ރުކުނަށްވެފައި އަދި ދީނުގެ މަތިވެރި ޝިޢާރަކަށްވާތީ، އެ މިނިސްޓްރީން އަބަދުވެސް އަންނަނީ ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓާ މޮނިޓަރކުރަމުންކަމުގައެވެ. އެގޮތުން ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިޠުރު އަދި މުދަލު ޒަކާތުގެ ފައިސާ އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާއިރު، ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، އެ މިނިސްޓްރީން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަކަމެއްކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ބަޔާނުގައިވަނީ ޒަކާތުގެ ފައިސާއާ މެދު ޢާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، ޢާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ޚަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މަޢުލޫމާތު ކަށަވަރުކުރެއްވުމަށްފަހު ނުނީ މިފަދަ ޚަބަރުތައް ޢާންމުނުކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. އަދި ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތްތައް ކުރިއަށްގެންދަންޖެހޭނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްކަމަށް ހުރިހާ ކައުންސިލްތަކުގައި އެ މިނިސްޓްރީން ދަންނަވާފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި އެ މިނިސްޓްރީގައި ރަޖިސްޓްރީކުރެވިފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މި އަހަރުން ފެށިގެން މުދަލު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ، އެފަރާތްތަކުގެ އެކައުންޓަށް އެ މިިނިސްޓްރީން ފައިސާ ޖަމާކުރާ ގޮތަށްކަމުގައި އެ ބަޔާނުގައި ވެއެވެ.

