ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތް ކުރައްވާ އިމާމުންގެ ތެރެއިން އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ޕީއެޗްޑީ ހާސިލް ކުރެއްވުމުގެ މަގު ފަހި ކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްލާމިކް މިނިސްޓަރު، މަގާމަށް އައްޔަނު ކުރުމުގެ ކުރިން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ރާއްޖޭގައި އިސްލާމީ ރިވެތި އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ރައީސް މުއިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި، ކުރަން ހުރި މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ.
މަގާމާއި ހަވާލުވެ ކުރެއްވި ފުރަތަމަަ ޕޯސްޓިގައި ޝަހީމް މިއަދު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަރސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް ފަށާާނެ ކަމަށެވެ.
މީގެ އިތުތުން އެފަދަ އިމާމުންނަށް މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި އަދި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު ވެސް އިމާމުންނަށް ހޯދައިދެވޭނެ ކަމަށް ވިދާލުވިއެވެ. ޑރ. ޝަހީމަށް އިސްލާމިކް މިނިސްޓަރުކަމުގެ މަގާމު ލިބިވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމާއި ހަވާލުވެ މިނިސްޓަރުކަމުގެ ފަތްކޮޅު 17 ނޮވެމްބަރުގައި އެރުވުންނެވެ.
އިއްޔެ މިނިސްޓަރު ކަމުގެ ފަތްކޮޅު އަރުވާފައިވާއިރު ރޭގައި އެމަނިކުފާނުވަނީ ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުވެސް މިނިސްޓްރީގެ އިސްލާމިކް ޔުނިވާސިޓީގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ.

