ގދ. ތިނަދޫ އިސްލާމީ މަރުކަޒުގައި އައިޔޫއެމް ކެމްޕަސްގެ ދަށުން ކޯސްތައް ހިންގުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ނިންމަވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްލާމިކު މިނިސްޓަރުކަމަށް ޑރ ޝަހީމް އައްޔަން ކުރުމާއިއެކު ފުރަތަމަ ވެސް އެމަނިކުފާނު ނިންމަވާފައިވަނީ ތިނަދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ޔުނިވާސިޓީ ގެ ދަށުން ކޯސްތައް ހިންގޭގޮތަށް ބަދަލު ކުރުމަށެވެ.
ތިނަދޫގައި ކޯސްތައް ހިންގޭގޮތަށް ބަދަލު ކުރުމާއި އެކު ދީނީ ތައުލީމު އުނގެނެން ބޭނުންވާ ފަރާތްތަކަށް މާލެ ނައިސް އެ ރަށުގައި ތިބެގެން ތައުލީމު އުނގެނުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ޝަހީމް އެ މަނިކުފާނުގެ ފޭސްބުކު އެކައުންޓުގައި ވިދާޅުވެފައިވަނީ މި ނިންމުން ނިންމުމުގެ ސަބަބުން އިސްލާމީ ހަޟާރަތާއި ސަގާފަތް ދިރިގެން ދާނެ ކަމަށެވެ. އަދި ތިނަދޫ އިސްލާމީ މަރުކަޒުގައި މި އިންތިޒާމް އަންނަ އަންގާރަ ދުވަހުން ފެށިގެން ރަސްމީކޮށް އައިޔޫއެމް އާއި ހަވާލު ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ތިނަދޫ އިސްލާމީ މަރުކަޒަކީ ރައީސް ޔާމީންގެ ސަރުކާރުގައި ބިނާ ކޮށްފައިވާ މަރުކަޒެކެވެ.

