ރާއްޖޭގައި ކެސީނޯގެ ހިދުމަތް ދިނުމުގެ ހުއްދަ ދޫކުރެވެން ނެތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.
ކެސީނޯ ހިންގެން ޖެހޭކަމަށް ބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބުރު ދައްކަވާ ވާހަކަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް އޭނާ ވަނީ ތަކުރާރު ކުރައްވާފަ އެވެ. މަޖިލީހުގެ އެ ޖަލްސާގައި އެ މައުޟޫއު ޖާބިރު އަނެއްކާވެސް ނެންގެވީ، އިސްލާމިކް މިނިސްޓަރ ޑރ. ޒާހިރު މިއަދު މަޖިލީހަށް ހާޒިރު ކުރުމުން ކުރި ސުވާލެއްގަ އެވެ.
ސުވާލު ކުރުމުގެ ފުރުސަތުގައި ޖާބިރު ވިދާޅުވީ، ރާއްޖޭގައި ބަނގުރަލާއި އޫރު މަސް ވިއްކަނީ ކޮން ގޮތަކުން ލިބިފައިވާ ހުއްދައެއްގެ ދަށުން ތޯ ސުވާލު ކުރުމަށް ބޭނުން ވާކަމަށެވެ. އަދި އެފަދަ ވިޔަފާރިތަކަށް ހުއްދަ ދީ، ކެސީނޯ އެޅުމަށް ހުއްދަ ނުދޭންވީ ކީއްވެގެން ތޯ ޖާބިރު ސުވާލު ކުރެއްވި އެވެ.
ދީނުގައި އެކަމާއި މެދު އޮންނަ ގޮތް ސާފުކޮށްދޭން އެދުމުން، މިނިސްޓަރ ވިދާޅުވީ ކެސީނޯ އެޅުމަށް ހުއްދަ ނުދެވޭނެކަމަށެވެ. އަދި އެއީ އިސްލާމް ދީނުގައި މަނާ ކުރައްވާފައިވާ އަމަލެއްކަން ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބަނގުރަލުގެ ބާވަތްތަކާއި އޫރު މަސް ވިއްކުމުގެ ހުއްދަ ދެނީ އިސްލާމިކް މިނިސްޓްރީން ނޫން ކަމަށެވެ. އަދި އެންމެ ކުރީއްސުރެ ފެށިގެން އެ ވިޔަފާރީގެ ހިދުމަތް ދެމުން އައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތް ދޭ، ރިސޯޓުތަކުގައި ޣައިރު މުސްލިމުންނަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”ހުރޭ އުސޫލުތަކެއް މިންގަނޑުތަކެއް ކަނޑައަޅާފައި.. ދިވެހިންނަށް އެކަންކަމުގައި އިންވޯލްވް ނުވެވޭނެކަމަށާއި ދިވެހިން އެ މަސައްކަތުގައި ނޫޅުމަށް.. އަޅުގަނޑު މިވަގުތަށް ދަންނަވާލެވެން އޮތް މިންވަރު މި ފާހަގަކުރީ“ އިސްލާމިކް މިނިސްޓަރ
މިނިސްޓަރުގެ ޖަވާބާއި މެދު ހިތްހަމަނުޖެހި ނިޒާމީ ނުކުތާއެއް ނަންގަވައި ޖާބިރު ވިދާޅުވީ ދިވެހިންނަށް ހިދުމަތުގައި ނޫޅެވޭ ގޮތަށް ރަލާއި އޫރު މަސް ވިއްކުމުގެ ހުއްދަ ދޫކުރެވޭނަމަ ހަމަ އެ އުސޫލުގެ ދަށުން ކެސީނޯއަށް ހުއްދަ ނުދެވެން ވީ ގޮތް ސާފުކޮށް ދޭން އަދިވެސް އެދޭ ކަމަށެވެ.
އެކަމަކު، އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޖާބިރު ވަނީ މަޖިލީހުގެ އެކި ޖަލްސާތަކުގައި މީގެ ކުރިން ވެސް ރާއްޖޭގައި ކެސީނޯގެ ހިދުމަތް ދިނުމަށް ގޮވާލާފަ އެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ރަލާއި އޫރު މަސް ވިއްކޭނަމަ އެ ހިދުމަތް ވެސް ނުދެވެން ވީ ސަބަބެއް ނެތް ކަމަށެވެ.
ޖާބިރު ދެއްކެވި ވާހަކައަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މުހައްމަދު ނަޝީދު ވަކި އެޗެއް މިއަދު ވިދާޅެއް ނުވެ އެވެ. ނަމަވެސް މީގެ ކުރިން އެމަނިކުފާނު ވަނީ ރާއްޖޭގައި ކެސީނޯ ހިންގުމަށް އެއްވެސް ގަވައިދަކުން މަނާ ނުކުރާކަމަށް ވިދާޅުވެފަ އެވެ.
ކެސިނޯގެ ވާހަކަތައް ދައްކަވާތީ އަމާޒުވާ ފާޑުކިއުންތަކަށް ޖާބިރު ވިދާޅުވެފައި ވަނީ، އެކަމާއި ދެކޮޅު ވާގޮތަށް ދީނީ އިލްމުވެރިންނާއި އާއްމުން އަދި ސިޔާސީ އެކި މީހުން ރަލާއި އޫރު މަސް ވިއްކާތީ އެކަމާ މެދު ކަންބޮޑު ނުވަނީ ކީއްވެގެން ތޯ ސުވާލު އުފެދޭ ކަމަށެވެ.

