ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަގްސަދުގައި، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން ”އުރީދޫ މަސްޖިދުނާ“ އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
އެ އިނިޝިއޭޓިވް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ، އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މިއީ ދީނީ އިމާރާތްތަކާއި ވަސީލަތްތައް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
”އުރީދޫ މަސްޖިދުނާ“ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން އަމާޒުހިފާފައިވާއިރު، އެ މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންނެވެ.
”އުރީދޫ މަސްޖިދުނާ“ އިނީޝިއޭޓިވްއަކީ، ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މިނިސްޓްރީން ކުރަމުންދާ ދެމެހެއްޓެނިވި މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެ ގުޅުމުގެ ތެރެއިން، މިނިސްޓްރީއާއި އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުން ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 14 މިސްކިތެއް ހުޅުވާނެކަން އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ ހާމަކުރައްވާފައިވެއެވެ.

