އުރީދޫ ފަން ރަން 2026ގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އިތުރުކޮށްފިއެވެ.
ކޮންމެ އަހަރަކު ވެސް ބާއްވާ އުރީދޫ ފަން ރަން ދުވުން މި އަހަރު އޮންނާނީ ޑިސެމްބަރު 11 ގައި ހުޅުމާލޭގައެވެ. އުރީދޫން ބުނެފައިވާ ގޮތުގައި އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ 14 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި 5 ކިލޯމީޓަރުގެ ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ދުވުމުގެ ތެރޭގައި އޮބްސްޓިކަލްތަކާއި ތަފާތު ހަރަކާތްތައް ކުރިއަށް ދާނެއެވެ. މިއީ ވަކި ގަޑިއެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހެއް ނޫނެވެ.
މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ބޭނުންވާ ގޮތަކަށް ދެ ކިޓެއްގެ ތެރެއިން ކިޓެއް އިޚުތިޔާރު ކުރެވޭނެއެވެ. އެއީ 210 ރުފިޔާގެ ފަން ކިޓާއި 110 ރުފިޔާގެ ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓަކާއި، މަލްޓިޕާޕަސް ބަންޑާނާޔެއްގެ އިތުރުން ދަބަހާއި އައި ގްލާސް ހިމެނެއެވެ. އަދި ސްޓޭންޑާޑް ކިޓުގައި ހިމެނެނީ ފަން ރަން ޓީޝާޓާއި، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބެވެ. މީގެ އިތުރުން، އޮކްޓޯބަރު 31 ގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް، އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ ކަމަށާއި، އަދި އެރޭ 8:00 އިން 12:00 އަށް މިޔުޒިކް ޝޯއެއް ކުރިއަށްދާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.
ކޮންމެ އަހަރަކު ވެސް އުރީދޫ ފަން ރަންގައި އާއިލާތަކާއި، ޒުވާނުންނާއި، ކުޑަކުދިންނާއި، ކޯޕަރޭޓް ޓީމުތަކާއި، ފިޓްނަސް އަށް ލޯބިކުރާ ފަރާތްތަކުން ހުޅުމާލޭގެ މަގުތަކަށް ނުކުމެ ކުލަ ގަދަކޮށް، ހަކަތަ އާއި އެއްބައިވަންތަކަން ދައްކުވައިދެއެވެ. ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ މި ދުވުމުގައި މިދިޔަ އަހަރު ވެސް 7,500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

