ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ މަރުކަޒުތައް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ބ. އޭދަފުށީގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، އޭދަފުށީގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މިފަދަ މަރުކަޒުތައް ބިނާކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހިދާޔަތާއި ނޫރު ފެތުރުން ކަމަށެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގުމަށް އެކަށީގެންވާ ޖާގަ ތަނަވަސްކޮށްދިނުމަކީ ވެސް މި މަޝްރޫއުތަކުގެ ބޭނުމެކެވެ.
މިހާރު ވެސް ރާއްޖޭގެ 10 ރަށެއްގައި އިސްލާމީ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އޭގެ ތެރެއިން ބައެއް ރަށްރަށުގައި މިހާރު އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

