އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވަ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.
ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެށުމަށްޓަކައި މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވަނީ، އިސްލާމީ ދަޢުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއް ބަޔަކު އަނެއް ބަޔަކާއި ގުޅިގެންކަން ފާހަގަކުރައްވާ އިސްލާމީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކަކަށް ވެގެންދާނެކަމަށް ވިދާޅުވެފައެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމް ދީނުގެ ދައުވަތު ފެތުރުމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ދީނީ ދަޢުވަތުގައި މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އެކިއެކި ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު ދުވަހު 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެކަމަށާއި އޭގެ ތެރޭގައި އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމާއި، ޤުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުން ފަދަ ކަންކަން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަރަށް ރަނގަޅަށް ހިނގާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމަށް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ’21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު‘ މި މަޢުޟޫއުއަށެވެ.

