އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެ، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލަ ބެލެން ނެތް ކަމަށް ބާ ކައުންސިލުން ނިންމައި، އެކަން އަންގައިފިއެވެ.
ނާޒިމް ސައްތާރުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައިވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުރުން ވެސް މަނާކޮށްފައި ވަނިކޮށެވެ.
އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލު އަހުމަދު ތާލިބެވެ. މި މައްސަލައާއި ގުޅިގެން ރާއްޖޭގެ އޮންލައިން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ތާލިބު ވަނީ މައްސަލަ ހުށަހެޅިތާ ދެ މަސް ފަހުން މިއަދު ބާ ކައުންސިލުން އެ މައްސަލަ ބެލެން ނެތް ނިންމާ އެކަން އޭނާއަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. މިދިޔަ ޖުލައި މަހު އެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅުއްވާ ތާލިބު އެދިވަޑައިގަތީ ދައުރުވަމުންދާ ވީޑިއޯ އާއި ގުޅިގެން ގާނޫނީ ވަކީލުންނާއި ދޭތެރޭ އަދި ބާ ކައުންސިލާއި ދޭތެރޭ އާންމުން ދެކޭ ގޮތް ބަދަލުވަމުންދާތީ އެ މައްސަލަ ބަލާ، ނާޒިމް ސައްތާރުގެ ވަކީލުގެ ކަމުގެ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްދިނުމަށެވެ.
ނަމަވެސް ބާ ކައުންސިލުން މިއަދު އަންގާފައި ވަނީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާގައި ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅޭނީ ގާނޫނީ ވަކީލަކާއި ހަވާލުކުރާ މަސައްކަތަކާއި ގުޅިގެން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށެވެ. އަދި، އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކަކީ ސުލޫކީ މައްސަލައެއް ބެލިދާނެ ފަދަ ޝަކުވާއެއް ކަމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީއަށް ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.
ބާ ކައުންސިލުން މައްސަލަ ނުބަލާނެކަން އެންގުމާއި ގުޅިގެން މައްސަލަ ހުށަހެޅި ވަކީލު ތާލިބު ވިދާޅުވީ އެ މައްސަލަ ނުބަލާން ނިންމުމަކީ ކަންބޮޑުވުމެއް ކަމަށާއި ހަމައެކަނި ހަވާލުކުރެވޭ މަސައްކަތުގައި ދިމާވާ ކަންކަމަށް ސުލޫކީ މައްސަލަ ހުށަހެޅުމަކީ ގާނޫނުގައި އިން ”ލޫޕްހޯލެއް“ ކަމަށާއި އެއީ ބޭއިންސާފެއްކަމަށެވެ.
މި މައްސަލައިގައި ބާ ކައުންސިލްގެ ރައީސް ވިޝާމް ވިދާޅުވީ، ކައުންސިލަށް ފިޔަވަޅު އެޅޭނީ އެ ވަކީލަކު މަސައްކަތުގެ ތެރެއިން ހިންގާ އަމަލަކާއި ގުޅުވައި ކަމަށެވެ. މިއީ ބޮޑު މައްސަލައެއްކަމަށާއި އަދި އެކަން ނިމިދިޔަ ކައުންސިލްގެ ދައުރުގެ ތެރޭގައި އެކްސްކޯ ކޮމިޓީއަށް ހުށަހެޅުނުކަން ވެސް ވިޝާމް ފާހަގަ ކުރެއްވި އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ނާޒިމަކީ، މަދަނީ އަދި ޖިނާއީ އެކި މައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލެކެވެ. އެގޮތުން އައިއީޑީއެއް ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލަކީ ނާޒިމެވެ.
މައްސަލައިގައި ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ހުރި ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ނުހިފަހައްޓާ ސަބަބާއި މެދު ސުވާލުތަކެއް އުފެދިފައިވާއިރު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ފުލުސް އޮފިސަރު ބަންދު ކުރުމުގެ ކުރިން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ.
ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ނުހިފަހައްޓާ ސަބަބާއި ގުޅޭގޮތުން “ސަންގު” އިން ސުވާލު ކުރުމުން ބާކައުންސިލްގެ ރައީސް، އިސްމާޢީލް ވިޝާމް ވިދާޅުވީ އުސޫލުގެ ދަށުން ފިޔަވަޅު އެެޅޭނީ ޑިއު ޕްރޮސެސަށް ފަހު ކަމަށެވެ. ނާޒިމްގެ މައްޗަށް ބާކައުންސިލަށް އެޅޭނެ ފިޔަވަޅެއް ނެތްކަން ފާހަގަކޮށް ވިޝާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 15 އަދި ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން އިޖުރާއީ އަދުލުވެރިކަމުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ނޫންގޮތަކަށް ވަކީލަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރެއް ކައުންސިލަށް ލިބިގެން ނުވާ ކަމަށެވެ.
މިފަދަ މައްސަލަތައް ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ބެލިދާނެތޯ ސުވާލު ކުރުމުން، ވިޝާމް ވިދާޅުވީ އެފަދަ މައުލޫމާތުތައް ގަވައިދުގެ ދަށުން ދޫކުރެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ފަރާތްތަކަށް ކަމަށެވެ.
ބާކައުންސިލުން މި މައްސަލައިގައި ބުނީ ގާނޫނީ ވަކީލަކާއި ގުޅޭގޮތުން ހުށަހަޅާ ޝަކުވާތައް ބެލުމާއި މެދު ނިންމާގޮތާއި، މައްސަލައިގެ މައުލޫމާތު އަދި މައްސަލަ ބަލައި ނިމުމުން ނިންމި ގޮތް ވެބްސައިޓުގައި އާންމުކޮށް، ރިޕޯޓް ދޫކުރާނެ އުސޫލުތައް، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވާއިދުގެ 7 އަދި 20 ވަނަ މާއްދާގައި ހިމަނާފައިވާނެ ކަމަށެވެ. މި ގަވާއިދުގެ ދަށުން ބާ ކައުންސިލަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅުންހުރި މަޢުލޫމާތު ދޫކުރެވޭނީ ޝަކުވާ ހުށަހަޅާ ފަރާތަށާއި ޝަކުވާ ރައްދުވާ ފަރާތަށް ކަމާއި، އިތުރު އެހެން ފަރާތަކަށް އެ ޝަކުވާއާ ގުޅުންހުރި މައުލޫމާތުތައް ދޫނުކުރެވޭނެކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

