އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ، ދިވެހިންނަށް ގިނަ ހިދުމަތްތަކެއްކޮށް ދެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން އިނގިރޭސީގެ ރާނީގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ފާހަގަކޮށް ރާނީއަށް ތައުޒިޔާ ވިދާޅުވުމަށް މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީތަކުގެ ވެރިންނަށް ވަކިވަކިން ފުރުސަތު ދެއްވާފައިވެއެވެ. ދެއްވި ފުރުޞަތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާނީ ވެރިކަން ކުރެއްވި އިރުގައި އިނގިރޭސި ދައުލަތުގެ ފަރާތުން ރާއްޖެއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށެވެ. އަދި ރާނީގެ ޒައާމަތުގައި ރާއްޖެ އަށް ވަރަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުގެ ހޮސްޕިޓަލެއް ވެސް ފުރަތަމަ ލިބިފައި ވަނީ ރާނީ ކުރެއްވި މަސައްކަތުންނެވެ. އަދި ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކްރޭން ގަނޑެއް ވެސް ދިނީ އިނގިރޭސި ސަރުކާރުން ކަމަށް ވިދާޅުވިއެވެ.
”ފުރަތަމަ ނީލް ކްރޭން ކިއާ ކްރޭނެއް، ދެން އޭގެ ފަހުން ކޯލިޝް ކްރޭން ކިއާ ކްރޭނެއް އިނގިރޭސި ސަރުކާރުން، އެކަމަނާ ދެއްވި އެއްޗެއް، އޭގެ އިތުރުން ގޯލްޑަން ރިއާ އަދި ސިލްވާ ކްރެސްޓް ވެސް ދެއްވި،“ ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދިވެހިންނަށް މަތީ ތައުލީމް ހާސިލް ކުރުމަށްޓަކައި އިނގިރޭސި ސަރުކާރުން ވަރަށް ގިނަ ސްކޮލަޝިޕްގެ ފުރުސަތުތައް ވެސް ދެއްވަމުން ގެންދެވި ކަމަށެވެ. އަދި ކޮމަންވެލްތުގައި ރާއްޖެ ހިމެނުމުގެ ސަބަބުން ވެސް ގިނަ ކަންތައްތަކެއް ވި ކަން ގާސިމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
”އެކަމަނާއަކީ ކޮމަންވެލްތުގައި އާއި ދުނިޔޭގައި އެންމެ ގިނަ ދުވަހު، ހާއްސަކޮށް އިނގިރޭސި ވިލާތުގައި އެންމެ ގިނަ ދުވަހު ރާނީގެ މަގާމުގައި ހުންނަވައިގެން ރަނިކަން ކުރެއްވި ބޭފުޅެއް،“ ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން އިނގިރޭސިންގެ ހިމާޔަތް ނުލިބު ނަމަ، ދިވެހިންނަށް ވަރަށް ނިކަމެތިކަމާ ކުރިމަތިލާން ޖެހުނީސް ކަމަށްވެސް ޤާސިމް ފާހަގަކުރެއްވިއެވެ. އަދި ދިވެހިން އަމިއްލަ އަށް ކަންކަން ކުރެވެން ފެށުމުން ރާނީގެ ވެރިކަމުގައި ދިވެހިންނަށް މިނިވަން ކަން ވެސް ހޯދައި ދެއްވި ކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
ގާސިމްގެ ވާހަކަ ނިންމަވާލައްވަމުން އިނގިރޭސިވިލާތުގެ ރަސްކަމަށް ދާދި ފަހުން ވަޑައިގެންނެވި ޗާލްސް އަށް ވަނީ މަރުހަބާ ދަންނަވައިފައެވެ.

