ދައުލަތުން ހުށައަޅާފައިވާ މާލީ ބަޔާނާއި ހަރުމުދަލުގެ ރެޖިސްޓްރީއާއި ދެމެދު 6.4 މިލިއަން ރުފިޔާގެ ފަރަގު ހުރިކަމަށް ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ސޮއި ކުރައްވާ ނެރުއްވާފައިވާ ފިނޭންސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި ވާގޮތުން، ހަރުމުދަލުގެ ރިޖިސްޓްރީ އަދި މާލީ ބަޔާނާއި ދެމެދު ފަރަގުތަކެއް ހުރުމުގެ ސަބަބުން، ހަރުމުދަލުގެ ރެޖިސްޓްރީ ފުރިހަމަ ނުވެއެވެ.
ރިޕޯޓުގައި ވާގޮތުން ދައުލަތުން ވަނީ 14.3 މިލިއަން ރުފިޔާ ހަރުމުދަލުގެ ގޮތުގައި ލިބިފައިވާކަމަށް މާލީ ބަޔާނުގައި ޝާއިއުކޮށްފައެވެ. އެހެން ނަމަވެސް ހަރުމުދަލުގެ ރެޖިސްޓްރީގައި ވަނީ 8.4 މިލިއަން ރުފިޔާއެވެ.
އޮޑިޓަރ ޖެނެރަލް ވަނީ މީގެ އިތުރުންވެސް ފިނޭންސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ދައުލަތުން ހަރަދު ކުރަންވާނީ އެންމެ އެކަށީގެންވާ ބަޖެޓު ކޯޑެއްގެ ދަށުންކަމަށް މާލީ ގަވައިދުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް، ”ގަވަރމެންޓް ލޯކަލް އޮފީސް ކޮސްޓް ކޮންޓްރިބިއުޝަންސް“ ގޮތުގައި ޔޫއެންޑީޕީއަށް 2019 ވަނަ އަހަރުގެ ތެރޭގައި ދައްކާފައިވާ 4.3 މިލިއަން ރުފިޔާ ދައްކާފައިވަނީ އެ ގަވާއިދާއި ހިލާފަށްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

