އެސްޓީއޯ އިން ވިއްކާ ޖަޕާންގެ މަޝްހޫރު މަކިޓާ ބްރޭންޑްގެ އައު އުފެއްދުންތައް ދައްކާލައިފިއެެވެ.
ރޭ މެންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި މަކިޓާ ނައިޓްގައި އެސްޓީއޯ އިން ވަނީ މަކިޓާ ބްރޭންޑްގެ އައު އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހަފްލާގެ ބައިވެރިންނަށް ދީފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެސްޓިއޯގެ މާކެޓިންގ ކޮމިޔުނިކޭޝަން ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން ވިދާޅުވީ މަކިޓާ ނައިޓްގެ މަގްސަދަކީ ހުރިހާ ފަރާތްތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ.
އެސްޓީއޯ އިން އަލަށް ދައްކާލި މަކިޓާގެ ޕްރޮޑަކްޓް ތަކުގެ ތެރޭގައި މަކިޓާ އައުޓްޑޯރ ޕަވަރ އެކުއިޕްމަންޓާއި މަކިޓާ ޑަސްޓް އެކްސްޓްރެކްޝަން ޓޫލްސް އާއި މަކިޓާ އައުޓްޑޯރ ޕްރޮޑަކްޓްސް އާއި މަކިޓާ ޑީސީ ޔުނިވާސް އާއި މަކިޓާ ކޯޑްލެސް ސިސްޓަމްސް އާއި މަކިޓާ ޓޫލްސް ޓެކްނޮލޮޖީ ހިމެނެއެވެ.
މަކީޓާއިން އަލަށް ނެރުނު ޕްރޮޑަކްޓުތަކުގެ ތެރޭގައި ބެޓެރީގެ އެހީގައި ބޭނުންކުރެވޭ ފެން ހޫނުކުރާ ޖަގާއި، ބްލޫޓޫތު ސްޕީކަރު ފަދަ ތަކެތި ހިމެނެއެވެ. އަދި ގަސް ކޮށާ ކަޓަރާއި، ކަރަންޓު ކީހާއި، ޓިނު ކަޓަރު ފަދަ ތަކެތި ވެސް ތައާރަފްކޮށް އެ އެއްޗެހި ބޭންކުރާ ގޮތް ރޭގެ ހަފްލާގައި ވަނީ ދައްކާލާފައެވެ.
މަކިޓާގެ ޕްރޮޑަކްޓް ތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފުޅާ ދާއިރާއެއްގައި އާއްމުންގެ މަގުބޫލުކަން ލިބިފައިވާ ޕްރޮޑަކްޓްތަކެއް ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ. އެގޮތުން ރާއްޖޭގައިވެސް މަކިޓާ ބްރޭންޑް ބޭނުންކުރާ މީހުންގެ 60 އިންސައްތަ އެއްހާ މީހުން މަކިޓާ ޕްރޮޑަކްޓް ތައް ބޭނުންކުރަމުންދާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މަކިޓާގެ ޑަސްޓް އެކްސްޓްރެކްޝަން ޓޫލްސް ބައްލަވައިގަންނަވާ ފަރާތްތަކުން ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މަގު ވަނީ ފަހިވެފައެވެ. އެގޮތުން ޑަސްޓް އެކްޓްރެކްޝަން ޓޫލްސް ފަރުމާ ކުރެވިފައިވަނީ މަސައްކަތް ކުރުމުގައި އަރާ ހިރަފުހުގެ މިންވަރު ކުޑަކޮށްދީ ސިއްހަތަށް އެކަމުން ކުރާ ނޭދެވޭ އަސަރު ކުޑަވާނެ ފަދަ ގޮތަކަށެވެ.
މަކިޓާގެ އައު އުފެއްދުންތައް ފަރުމާކޮށްފައިވަނީ ތިމާވެއްޓާ ރައްޓެހި، ކަރަންޓްހަރަދު ކުޑަ އަދި ބެޓެރީގެ އެހީގައި ބޭނުންކޮށްލެވޭނެ ގޮތަށެވެ.
މަކިޓާ ބްރޭންޑް އާއި އެސްޓީއޯ އިން ގުޅިފައިވަނީ 1998 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މި ޕްރޮޑަކްޓް ރާއްޖެ އެތެރެކޮށް މާކެޓް ކުރަން ފެށީއްސުރެ ގިނަ ބައެއްގެ ތަރުހީބާއި މަގުބޫލުކަން ހޯދާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

