ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ އެއްވެސް ސަރުކާރަކުން އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަހަޅާފައެއް ނެތް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުޙައްމަދު އަސްލަމް :- ފޮޓޯ_ ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސް ނުވަތަ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ބައެއް ބޭފުޅުން ވަކާލާތު ކުރެއްވިނަމަވެސް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން އެފަދަ އެއްވެސް ދައުވާއެއް އެއްވެސް ކޯޓަކަސް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން މީގެކުރިން ނެގި ”ސްޓޭންޑް“ ބަދަލުކޮށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން މޮރިޝަސްއާއި އެއްކޮޅަށް ވޯޓުދިނުމަސް ނިންމާފައިވާ ކަމަށް ބުނެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުސަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވަނީ ދިވެހިރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި، އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންކަމަށް ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި “ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ޢަމަލު ކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތުގެ މަތިން” ކަމަށް ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (1) ގައި ބަޔާންކޮށްފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ހުސަހެޅުއްވި ކުއްލި މައްސަލައާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ބިމުން އެއްވެސް ބައެއް ނުވަތަ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެންމެ އިންޗިއެއްވެސް އެއްވެސް ބަޔަކަށް ދޫކޮށްލަން މި ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް މީގެކުރިން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރަކުން ވެސް ނިންމާފައި ނުވާ ކަމަށާއި އަދި އެފަދަ ނިންމުމެއް ދިވެހި ސަރުކާރުން ނިންމަފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޗާގޯސްއަކީ ރާއްޖޭގެތަނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަކާލާތުކުރިނަމަވެސް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން އެއްވެސް މީހަކު އެފަދަ ދައުވާއެއްކޮށް މައްސަލަ އެއްވެސް ކޯޓަކަށް ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ޗޯގާސްއާއި ރާއްޖެއާއި ދެމެދު އޮތް ސަރަހައްދުގައި އިމެއް ކަނޑައަޅައިދޭން އެދި އެންމެ ފުރަތަމަ މައްސަލައެއް ހުސަހެޅި 2010 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައިކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ކޯޓުގައި ކުރިއަށްދާ މައްސަލައަކީ ވެސް އެއީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޗާގޯސްއާއި ރާއްޖެއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގައި އިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރަމުންދާ ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް ޗާގޯސްގެ މައްސަލައިގައި އދ ގައި ނަގަން ހަމަޖެހިފައިވާ ވޯޓުގައި މީގެކުރިން އިނގިރޭސިވިލާތާއި އެއްކޮޅަސް ދިން ވޯޓު ބަދަލުކޮށް މޮރިޝަސްއާއި އެއްކޮޅަސް ވޯޓު ދޭން ނިންމީ އިސްތިއުމާރާއި ރާއްޖެއިން ދެކޮޅުކަން ސާބިތުކޮށްދިނުމަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި އދ ގައި ރާއްޖެއިން ދޭ ވޯޓާއި އަދި ޗާގޯސްއާއި މޮރިޝަސްއާއި ރާއްޖެއާއި ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން އިން ކަނޑައެޅުމުގެ މައްސަލައަކީ ދެ މައްސަލައެއް ކަމަށާއި ނަމަވެސް ބަޔަކު މީހުން އެކަން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެއިތުރުން  ޗާގޯސްގެ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި މަޖިލީހުން ކޮމެޓީއެއް ނަގައިގެން އިންކުއަރީއެއް ހަދަން ހުސަހެޅުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް އަސްލަމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ ވިދާޅުވީ ކޮމެޓީއެއް ނަގައިގެން އެފަދަ  އިންކުއަރީއެއް ހަދަން މަޖިލީހުގެ ގަވާއިދު ތަންދޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އާދަމް ޝަރީފްގެ މައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކަވާފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނާއި އަރިސް ބައެއް މެމްބަރުން ފާހަގަކުރެވެ އެވެ.

މައްސަލައިގައި ސަރުކާރުން ނެރުނު ބަޔާން ދިފާއުކޮށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވެސް ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު އޮތްކަމަށް ގަބޫލުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލަން އެއްބަސްވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތްކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރާނަމަ ދެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރަށް އެ އެއްބަސްވެވުނީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: