ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާއި ދެކޮޅަށް މޮރިޝަސް އިންޓަނޭޝަނަލް ޓްރިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ނިމިގެންދިޔައީ ރާއްޖެއަށް ގެއްލުންވާގޮތަށްކަމަށް ބުނެ، އެ ނިންމުމާއި ދެކޮޅަށް މަސައްކަތްކުރުމަށް އިދިކޮޅު ފަރާތްތަކުން ހަދާފައިވާ އިއްތިހާދުން ”މަސް ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު“ ގެ ނަމުގައި އިހުތިޖާޖެއް ބޭއްވުމަށް ނިންމައިފިއެވެ.
ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކުން ހަދާފައިވާ އިއްތިހާދުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާތީ، އެކަމާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ”މަސް ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު“ މި ނަމުގައި ޖޫން 2 ވަނަ ދުވަހުގެ ރޭ އެއްވުމަށް ބޭއްވުމުގެ ތައްޔާރީތައް ވަމުންދާކަމަށެވެ.
އޭނާ ގޮވާލީ ގައުމުން ބައެއް ވިއްކާލުމާއި ދެކޮޅަށް އަޑުއުފުލުމަށް އެންމެހާ ދިވެހި ރައްޔިތުން، ސިޔާސީ ފިކުރަށް ނުބަލާ މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ދެކިވަޑައިގެން ނިކުންނެވުމަށެވެ. އަދި ތަކުރާާރުކޮށް ފާހަގަކުރެއްވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު ހިންގަވާ ”ފިކުރެއްގެ ދިރުން“ ގެ ބޭފުޅުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއިއެކު މި މައްސަލައިގައި ހަދާފައި މިވާ އިއްތިހާދަކީ އެއްވެސް ސިޔާސީ މަސައްކަތަކާއި ގުޅުމެއް އޮތް އިއްތިހާދެއް ނޫންކަމަށެވެ.
މީގެ އިތުރުން މި އިއްތިހާދުން ދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މި މައްސަލައިގައި ޕެޓިޝަނެއް ހުށައެޅުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާއި، ޗާގޯސް ޖަޒީރާތަކުގެ ހާއްސަ އިގްތިސާދީ ސަރަހައްދުކަމަށް ބުނާ ސަރަހައްދު، ފުށުއަރާކަމަށް ބުނެ އެ ފުށުއަރާ ސަރަހައްދުން ހަމަހަމައަށް ބެހުމަށް، މޮރިޝަސް އިން ދިވެހި ރާއްޖޭގެ މައްޗަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ލޯ ސީ ގެ ދަށޫން އުފައްދާފައިވާ، އިޓްލޮސް އަށް ހުށައެޅި މައްސަލައިގައި، ގާނޫނުން ކަނޑައަޅާފައިވާ އަދި ދިވެހި މަސްވެރިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ، ހާއްސަ އިގްތިސާދީ ސަރަހައްދު 45،331 އަކަ ކިލޯމީޓަރު ދޫކޮށްލާފައިވާތީ، މިއީ ދިވެހި ރައްޔިތުންގެ ހައްގު ގާނޫނީ މުދަލަކުން، ބޭރުގެ ބަޔަކަށް ސަރުކާރުން ނުހައްގުން ދޫކޮށްލި ސަރަހައްދެއްކަމަށެވެ. އެހެންކަމުން މި އަމަލު ގަބޫލުނުކުރާކަމަށް އިދިކޮޅު ފަރާްތްތަކުން ވަނީ ރައީސުލްޖުމްހުރިއްޔާ އަށް ދަންވާފައެވެ.
މިގޮތުން މި މައްސަލައިގެ ނިންމުން ދިވެހިރާއްޖެއިން ބަލައިނުަންނާނެކަމަށް މޮރިޝަސްގެ ސަރުކާރަށާއި، އިޓްލޮސްއަށް އަދި ކަމާއިބެހޭ އެހެނިހެން ފަރާތްތަކަށް އެންގުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ. މި މައްސަލަ ބަލައިނުގަތުމަށް ދިވެހި ދައުލަތުން އިޓްލޮސްއަށް ހުށައެޅުމަށް ގޮވާލާފައިވާއިރު، އެ 200 ނޯޓިކަލް މޭލު ހޯދުމަށް މަސައްކަތްކުރެއްވުމަށާއި، އަދި ލިބެންޖެހޭ ސަރަހައްދު ހޯދުމަށްވެސް ވަނީ ގޮވާލާފައެވެ. މި މައްސަލަ ހިނގަނިކޮށް ރައީސް ސާލިހު މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމަށްވެސް އިދިކޮޅުން ވަނީ އެދިފައެވެ.
ރެއިން ފެށިގެން ޕެޓިޝަނަށް ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ވީހާވެސް ގިނަ ބަޔަކު ޕެޓިޝާނުގައި ސޮއިކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ ބޭފުޅުންވެސް އެދިލެއްވިއެވެ.

