މޮރިޝަސްއިން ބްލެންހައިމް ރީފް ދިރާސާކޮށްފައިވާތީ، އެކަން ކުރުމަށް ހިނގި ހަރަދުގެ ބަދަލުގެ ގޮތުގައި ހުށައެޅީ ކޮން އަދަދެއްކަން ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ އަދި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅިގެން އެގައުމުން ހެދި ސާރވޭގެ ބަަދަލު ދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާ ކަން ފާހަގަކޮށް، އެދިފައިވާ އަދަދާއިމެދު ”ސަންގުޓީވީ“ އިން ސުވާލު ކުރުމުން މިއުވާންވަނީ އެ ސުވާލަކީ މާލީ ކަންކަމާއި ގުޅުން ހުރި ސުވާލަކަށް ވުމުން ޖެހޭނީ އަގެއް ހޯދަން ކަމަށް ވިދާޅުވެފައެވެ. އަދި މިއުވާންވަނީ އެ ތަފްސީލުތައް ފަހުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ސާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީއެއް ފޮނުއްވުމުގެ ކުރިން މޮރިޝަސްއިން ވަނީ، އެގައުމުން އިޓްލޮސްގައި ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ހަދާފައިވާ ސާވޭއެއްގެ މައްސަލަވެސް ހުށައަޅާފައެވެ. އަދި ރާއްޖެއިން އެ ސާރވޭގެ ބަދަލު ދިނުމަށް އެދިފައިވެއެވެ.
އެޓަރނީޖެނެރަލް އިބްރާހިމް ރިފްއަތު ހާމަކޮށްފައިވާގޮތުން ރައީސް ފޮނުއްވި ސިޓީއާއި ގުޅިގެން މޮރިޝަސްއިންވަނީ ބްލެންހައިމް ރީފްގެ ސޭވޭގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރުވަނީ ދެގައުމުގެ ގުޅުން ބަދަހިކޮށް ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައިކަމަށްވެސް އެނާ ވަނީ މީގެ ކުރިން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

