އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އަކީ އިރުޝާދީ ލަފާދޭ ކޯޓެއް ކަމަށާއި އެ ކޯޓުން ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގޮތުގައި ކަނޑައެޅި ނަމަވެސް އެ ނިންމުން ބަލައި ނުގަންނާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ޗާގޮސްގެ މައްސަލައިގައި ބަހުސް ކުރަމުންދިޔަ ވަގުތު ރައީސް ނަޝީދުވަނީ ބަހުސްގެ ތެރެއިން އެމަނިކުފާނު އެކަމާއި ދެކިވަޑައިގަންވާ ގޮތް ހިއްސާ ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ގެންދަވަނީ ޗާގޮސްގެ މައްސަލަ ގާތުން ބައްލަވަމުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، މިހާރު ދިވެހި ސަރުކާރުން ގެންދަނީ އެ މައްސަލައިގައި އައިސީޖޭގައި ވަކާލާތު ކުރަމުންކަމަށެވެ. އެހެން ނަމަވެސް ކޮންމެވެސް ސަބަބަކާއި ގުޅިގެން ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި އެއްބަސްވެފައިކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ސަރުކާރަށް ކުރެވޭނެކަމެއްވެސް ނޫންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ ތަނަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި އެމަނިކުފާނު ނުދެކޭނެކަމަށެވެ. އަދި އެއީ އެމަނިކުފާނު ކުރިންވެސް ގެންގުޅުއްވި ވިސްނުންކަމާށާއި މިހާރު އަދި ކުރިއަށް އޮތްތާންގައިވެސް އެ ގޮތުގެ މަތީގައި ހިފަހައްޓާނެކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ސަރަހައްދަކީ ޑީކޮލޮނައިޒް ނުވެ އޮތް ސަރަހައްދެއްކަމަށްވުމުން، އެމަނިކުފާނު ގަބޫލު ކުރައްވަނީ ޑީކޮލޮނައިޒްވާ ހިސާބުން އިންގިރޭސިވިލާތުން ދިވެހި ސަރުކާރާއި ވާހަކަދައްކަން ޖޭހެނެކަމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އައިސީޖޭއަކީވެސް އިރުޝާދު ދިނުމަށް އޮންނަ ކޯޓެއްކަމަށެވެ. އެހެންކަމުން އެ ކޯޓުން ނިންމި ނަމަވެސް ޗާގޮސްގެ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ބަލައިނުގަންނާނެކަމަށާއި އެ ސަހަރައްދަކީ މިވަގުތުވެސް ދިވެހި ކޯސްޓުގާޑު އަދި އެއަރޓްރެފިކް ކޮންޓްރޯލުން ބަލަހައްޓާ ސަރަހައްދަކަށްވުމުން އެ ސަރަހައްދަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި ދިވެހިންނަށް ބަލައިގަތުމަށް ލާޒިމުވާ އެއްވެސް ސަބަބެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

