ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ މައްސަލައިގައި އެމްޑީޕީގެ ޕީޖީ ލީޑަރުގެ ސުވާލުތަކެއް މަޖިލީހުގެ ރިޔާސަތަށް!

މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޕީޖީ ލީޑަރ އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވީކަމަށް ދެކެވޭ ވާހަކައަކީ، އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ގަރާރަށް ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައިވާ ސިޓީއެއް ނުވަތަ ހުށަހެޅުމެއް ވެސް ފެންނަން ނެތް ކަމަށެވެ.

ޗާގޮސްގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ހިއްސާކޮށްފައި ނުވާކަމަށް ބުނާ ވާހަކައިގެ ރައްދުގައި އަސްލަމް ވަނީ މަޖިލީހުގެ ރިޔާސަތަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ފެބްރުއަރީ 17، 27 ގައި އެޓާނީ ޖެނެރަލް އޮފީހުގެ ސިޓީގެ ތަފްސީލު އޭނާއަށް ވެސް ލިބިފައިވާއިރު މަޖިލީހުގެ ރިޔާސަތަށް ސިޓީ ލިބިފައި ނުވާ ސަބަބާއި މެދު އަސްލަމް ސުވާލު އުފެއްދެވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޗާގޮސްގެ މައްސަލައިގައި އޭޖީ ފޮނުވި މައުލޫމާތު ކަރުދާހުގައި ރާއްޖެއާއި މޮރިޝަސްގެ އެކްސްކުލޫޒިވް އިކޮނޮމިކް ޒޯން އަދި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑްރީ ޑީލިމިޓު ކޮށްދިނުމަށް އެދި މޮރިޝަސްގެ ފަރާތުން ހުށައެޅިފައިވާ މައްސަލައާއި ގުޅޭ މައުލޫމާތު ހިމެނެއެވެ. އެހެންހެންކަމުން އެ މައުލޫމާތުތައް މަޖިލީހުގެ ރިޔާސަތަށް ލިބިފައި ނުވާ ސަބަބާއި މެދު އަސްލަމް ވަނީ ސުވާލު އުފައްދަވާފައެވެ.

ޗާގޮސްގެ މައްސަލައިގައި މަޖިލީހަށް ފޮނުވި ސިޓީއާ އެކު ހިމެނޭ ކަރުދާހުގައި މައްސަލައިގެ ތައާރަފެއް ހިމެނިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން މޮރިޝަސްގެ ފަރާތުން ހުށައަޅާފައިވާ މެމޯރިއަލް އާއި ދިވެހިރާއްޖެއިން ހުށައެޅި ކައުންޓަރ މެމޯރިއަލްގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމާ ގުޅޭގޮތުން ހަތަރު ނުކުތާއެއް ފާހަގަކޮށްފައިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން 200 ނޯޓިކަލް މޭލުގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ ކަނޑުގެ ސަރަހައްދު ޑީލިމިޓް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ހުށައެޅިފައިވޭތޯ ވެސް އަސްލަމް ވަނީ ސުވާލުއުފައްދާފައެވެ.

ޗާގޮސްގެ މައްސަލައިގައި ގާނޫނު އަސާސީ އާ ހިލާފުވެއްޖެ ކަމަށް ވިދާޅުވާ ކަމަށާއި، އެ ސަރަހައްދު ދޫކޮށްލައިފި ކަމަށް އަޑުތައް އިވޭ ކަމަށްވެސް އެއީވެސް އެއްވެސް ހަގީގަތެއް ހުރި ވާހަތަކެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގާނޫނު އަސާސީގެ ތިންވަނަ މާއްދާއާއި ރާއްޖޭގެ ކަނޑުތަކާއިބެހޭ ގާނޫނުގައި ސަރަހައްދުގެ ކޯޑިނޭޓްސް ތާވަލު1 ގައި ދީފައިވާ ކަމަށާއި ކޯޑިނޭޓްސްގައި ހިމެނޭ އަކުރުތައް ބަލާލުމުން ކޮން ސަރަހައްދެއް ކަމަށް އެނގެން ނެތް ކަމަށެވެ. ނަމަވެސް އަސްލަމް ވިދާޅުވި ގޮތުގައި އެ ކޯޑިނޭޓްސް ގޫގްލް ނުވަތަ ކޮންމެވެސް ވަސީލަތެއްގެ އެހީގައި ޖަހައިގެން ބަލައިފިނަމަ އެނގިގެންދަނީ އެ ސަރަހައްދަކީ އާޗިޕެލެޖިކް ބޭސްލައިން ކުރެހިފައިވާ ސަރަހައްދު ކަމަށެވެ. އެ ސަރަހައްދުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާއި ހަމަތަކުގެ މަތިން ފުށުއަރާ ފުށުއެރުންތަކެއް އޮތްއިރު ބައެއް ގައުމުތަކުން ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން ރާއްޖެއިން އެކުލަވާލާފައިވާ ކޯޑިނޭޓްސް ހިމެނޭ ތާވަލު ގަބޫލުނުކުރާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމުގެ ސަބަބަކީ 100 މޭލަށްވުރެ ދުރުގައި ރާސްތާ ހިމެނޭގޮތަށް އެއްބޭސް ލައިނުން އަނެއް ބޭސް ލައިނަށް އެއް ޕޮއިންޓުން އަނެއް ޕޮއިންޓަށް ކުރެހުމުގައި ހިމެނިފައިވާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެކޯޑިނޭޓްސް އާއި ގުޅޭގޮތުން މައްސަލަތަކެއް ދިމާވާތީ އެ ސަރަަހައްދަކީ ހުވަދޫ ކަނޑުކަމަށް ބަލައި ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ރާއްޖޭގެ ހުއްދަ ނުނަގާ ބޯޓްފަހަރުތައް އިންޓަރނޭޝަނަލް ވޯޓަރ ކަމަށް ބަލައިގެން ވަދެ ނިކުމެ އުޅުނު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ބޭސް ލައިނުން ފެށިގެން 200 ނޯޓިކަލް މޭލަށް ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގު ލިބިގެންވާ ކަމަށާއި ދުނިޔޭގެ ހުރިހާ ތާކުން ސިޔާދަތީ ބާރު ކަނޑުތަކުގެ ގަވާއިދުގެ ދަށުން ލިބިގެންވަނީ 12 ނޯޓިކަލް މޭލް ބޭރަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެއަށް ފަހު ސިޔާދަތީ ބާރު ލިބޭ ސަރަހައްދަކީ އިކޮނޮމިކް ޒޯން ކަމަށް އަސްލަމް ވިދާޅުވިއެވެ. އިކޮނޮމިކް ޒޯން ކަނޑައެޅުމުގައި ރާއްޖެއިން ވަނީ 200 ނޯޓިކަލް މޭލް ވަށައިގެން ކަނޑައެޅި ރާއްޖޭގެ ކަނޑުތަކާއިބެހޭ ގާނޫނުގައި ލިޔެވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ގާނޫނުގެ 7 ވަނަ މާއްދާގައި ސިޔާދަތީ ބާރު ލިބިދޭ ކަނޑުގެ ސަރަހައްދު އެހެން ގައުމަކާ ފުށުއަރާނަމަ އެ ގައުމަކާ ވާހަކަދައްކައިގެން ހައްލުކުރުމުގެ ބާރު ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އުތުރުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި ދެކުނުގައި އަދި މިހާތަނަށް އެއްބަސްވުމެއް ނެތް ކަމަށް އަސްލަމް ވިދާޅުވިއެވެ. ދެކުނުގެ ސަރަހައްދުގެ އެއްބަސްވުމާއި ބެހޭ ގޮތުން އެކި ސަރުކާރުތަކުން މޮރިޝަސް އާއި އިނގިރޭސިވިލާތާއެކު ވާހަކަ ދެކެވެމުން ދިޔަ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދިވެސް ކުރިއަށްދަނީ އެވާހަކަ ތަކާއި މަޝްވަރާ އަދި އެމތައް ކަމަށާއި އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެ މައްސަލަ ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން އެއްވެސް ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިނުވާ ކަމަށާއި އެއްބަސްނުވެސް ވާނެ ކަމަށެވެ.

މުޅިދުނިޔެއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް  ގާނޫނު ފާސްކޮށްގެން ނެރެވިދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެވިދާނެކަމަށާއި އެހިސާބުން ދިވެހިންގެ ބަޔަކަށް މުޅިދުނިޔެވީތޯ ވިދާޅުވެ އަސްލަމް ސުވާލު އުފެއްދިއެވެ.

ދުނިޔޭގައި ވެސް ގާނޫނުތަކާއި އުސޫލުތަކެއް އެބަހުރި ކަމަށާއި ކަންތައްތައް ހިނގަމުންދާނީ އެ އުސޫލުތަކުގެ ދަށުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އައިސީޖޭގެ އިސްތިޝާރީ ލަފައަކީ ލަފައެއް ކަމުގައި ގަބޫލު ނުކުރެވުނަސް ދުނިޔެ އެފަދަ ނިންމުންތަކަށް ބޯލަނބާ ގަބޫލު ކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އިނގިރޭސި ވިލާތުންވެސް ގެންދަނީ ޗާގޮސްގެ މައްސަލައިގައި މޮރިޝަސް އާ ވާހަކަ ދެއްކުމަށް ތައްޔާރުވެެ ވާހަކަ ދައްކަމުން ކަމަށް އަސަލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: