ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިޙުގެ ސަރުކާރަށް 4 އަހަރު: ހެޔޮވެރިކަމެއް ކޮށްދެވޭބާ؟

ރައީސް ސާލިހު އަދި ރައީސް ނަޝީދު، ސަރުކާރުގެ އިސްވެރިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯލިޝަނެއްގެ ތެރެއިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރައްވަމުން ގެންދަވާ އިބްރާހިމް މުހައްމަދު ސާލިޙް ދިވެހި ދައުލަތާއި ހަވާލުވީ ރައްޔިތުންނަށް ވަރަށް ގިނަ ވަޢުދުތަކެއްވެ ހެޔޮވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމަށް ފަހުއެވެ. އެގޮތުން ކަންކަން ހަމަޖެހިފައިވާ އުޞޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެނގޭފަދަ ހާމަކަންބޮޑު ގޮތަކަށް، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުނެ ކަމުގެ ޔަގީން ދެއްވިއެވެ.

ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލުމާ، ހިންގުމުގެ ދާއިރާގަޔާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކިގޮތަކަށް ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ސަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭގައި ޢާލާކޮށް އަށަގެންނެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަޢުދެކެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ސަލާމަތް ޙިމާޔަތްކޮށް ދެމެހެއްޓުމާއި، އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގައި ދިވެހިރާއްޖޭގެ ސިޔާދަތަށް ބުރޫނާރާފަދަ ގޮތްތައް ދެމެހެއްޓުމާއި ޤައުމިއްޔަތަށް ލޯބިކުރާ ޖީލުތައް އުފެއްދޭނެގޮތް ހެދުމާ، ދިވެހި ބިމަކީ ދިވެހިންގެ އެއްޗެއްގެ ގޮތުގައި ދަމަހައްޓައި ބޭރުގެ އެއްވެސް ފަރާތަކަށް ދިވެހި ބިން މިލްކުކުރުމުގެ ފުރުޞަތު ނުދިނުމަކީ ރައީސް ސާލިޙް ދިވެހިންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ފައިލް

މީގެއިތުރުން ބޭރު ޤައުމުތަކާ ރަޙްމަތްތެރިކަން ބަދަހިކޮށް ދުނިޔޭގެ ޞުލްޙައާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަޙައްދީގޮތުން އަދި ބައިނަލްއަޤްވާމީގޮތުން ޙަރަކާތްތެރިވާ މިނިވަން ޚާރިޖީ ސިޔާސަތެއް ޤާއިމް ކުރުމަކީ ވެސް ވެރިކަމުގެ ދައުރުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސް ސާލިޙް ވެވަޑައިގެންނެވި ވަޢުދެކެވެ.

ރާއްޖޭގެ ގަދަރާއި ޢިއްޒަތާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި ކުރިއަރުވާ، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުޞޫލްތަކަށް އިޙްތިރާމްކުރާ ޤައުމެއްގެ ގޮތުގައި ހެދުމަކީ ވެސް ރައީސް ސާލިޙްގެ ވަޢުދެކެވެ. އަދި ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުޞަތުތައް ފަހިކޮށްދެވި، ރާއްޖޭގެ އިގްޠިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގައި އެކުވެރި ޤައުމުތަކާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގެ އެހީތެރިކަން އިތުރުކުރުކުރުމަކީ ވެސް ހެޔޮވެރިކަމެއްގެ ތެރެއިން ކުރައްވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވާ ކަންތައްތަކެވެ.

ރައީސް ސާލިޙްގެ ހަތަރު އަހަރު ކޮރަޕްޝަނާް ދެކޮޅަށް ކުރެވުނު މަސައްކަތްތައް:

ރައީސް ސާލިހުގެ ސަރުކާރު ވެރިކަމާއި ހިސާބަށް ވާސިލު ވުމުގެ އެންމެ ބޮޑު އެއް ސިއްރު ކަމަށް ބުނެވޭނީ، އެ މަނިކުފާނު ކޮރަޕްޝަން ނައްތާލާނެކަމަށް ވިދާޅުވި ވިދާޅުވުމެވެ. ވެރިކަމަށް 4 އަހަރު ވެގެންދިޔަ އިރު، އެ ކަން ހާސިލު ކުރުމުގެ މަގުސަދުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މި ސަރުކާރުން ފާހަގަކުރެއެވެ.

އެގޮތުން ވިސްލް ބްލޯވަރުން ރައްކައުތެރި ކުރުމުގެ ގާނޫނެއް އެކުލަވާލައި ތަސްދީގުކޮށްފައިވެއެވެ. އަދި ދައުލަތުގެ މާލިއްޔާތުން ހަރަދުކޮށް ތަކެތި ގަތުމުގައި ގެންގުޅެމުންދިޔަ ޕްރޮކިއަރމެންޓު އުސޫލު އިސްލާހު ކުރުން ފަދަ މަސައްކަތްތައް ކުރެވިފައިވާކަމަށް ފަހުރުވެރިވެއެވެ.

އެހެން ނަމަވެސް މި ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށް ކޮއްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއް ނެތްކަމަށް އަދި ޝިއާރުގެ ފަހަތުގައި ބުރަދަނެއް ނެތްކަމަށްވެސް ބުނެވިދާނެއެވެ. ސަބަބަކީ، މި ވެރިކަމުގައި ފެންމަތިވި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަ ބެލިފައި ނެތުމުގެ އިތުރުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް އިސް މަގާމުތަކުގައި ތިބުމެވެ.

މީގެ އިތުރުން ވެރިކަން ކުރާ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން، ސަރުކާރުގެ އިސް ވެރިން ގޮތުގައި ތިބި ޕާޓީގެ އިސް މެމްބަރުންގެ މައްޗަށްވެސް އެކި ޒާތުގެ ތުހުމަތުތައް ކުރެވިގެންދިޔައިރު، ރައީސް ސާލިހުވަނީ އެކަންކަން ”ޓޮލަރޭޓު“ ކުރައްވާފައިކަމަށް ބުނެވޭނެ ފުރުސަތު އޮވެއެވެ. އެމަނިކުފާނު އެކަންކަމަށް ”ރިއެކްޓު“ ނުކުރައްވައެވެ. އަދި ރައީސް ނަޝީދުވަނީ ހުދު ރައީސް ސާލިހުގެ މައްޗަށްވެސް އެފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. ހިނގަމުންދާ ޝަރީއަތްތައް ހުއްޓުވާކަމުގެ ތުހުމަތުތައް ރައީސް ނަޝީދުވަނީ ރައީސް ސާލިހަށް ކުރައްވާފައެވެ.

އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމަށް ކުރެއްވި މަސައްކަތްތަކުގެ އިހުލާސްތެރިކަމާއިމެދު ޝައްކު އުފެއްދުމުގެ ޖާގަ އޮވެއެވެ. އަދި އެކަށީގެންވާ މަސައްކަތްތައްކެއް ކުރެވިފައިވާކަމަށް ބުނެވެން ނެތެވެ.

ނޭޝަނަލް ސެކިއުރިޓީއާއި ގައުމީ ދިފާއީ ބާރު:

ރާއްޖޭގެ ސަލާމަތީކަންކަން އިތުރަށް ހަރުދަނާ ކުރުމަކީ މި ސަރުކާރުން އަހައްމިޔަތުކަން ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށް ސިފަކުރެއެވެ. ބޭރު ގައުމުތަކުގެ އަސްކަރިއްޔާތަކާއި ގުޅިގެން ރާއްޖޭގެ ސިފައިން ތަމްރީނު ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާއިރު، ޒަމާނީ ފެންވަރުގެ ވަސީލަތައްތައް ހޯދައި އެތަކެތީގެ ބޭނުން ހިފުމަކީވެސް މިކަމުގެ ތެރެއިން ކުރެވިފައިވާ މަސައްކަތެއް ކަމަށް ބުނެއެވެ.

އެހެން ނަމަވެސް މިއަދު ގައުމުގެ ސަލާމަތީ ބާރުގެ ކަންކަމަށް ބެލުމުން ފެނިގެންދަނީ ފެއިލްވެފައިވާ މުވައްސަސާއެކެވެ. ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދިނީވެސް މި ވެރިކަމުގައެވެ. އެ ހަމަލާގެ ކަންކަން އަދިވެސް އެއްކޮށް ރައްޔިތުންނަށް ސާފުކޮށްދެވިފައިނުވެއެވެ.

އޭގެ ފަހުން އެތައް ދުވަސްތަކެއް ހޭދަވުމަށްފަހު، އެފަދަ އެތައް އިންޒާރެއް ލިބި ގޮސްފައިވާކަމުގެ އަޑު އެކި ގޮތް ގޮތުން ފެތުރި ނޫސްތަކުގައިވެސް ޝާއިއު ކުރެވިއްޖެއެވެ. ދާދި ފަހުންވެސް އެތައް ބަޔަކު ހައްޔަރު ކުރި އިރު، ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ދައުލަތައް އަތްލާން ނުކެރޭކަމަށް ބުނާ މީހުން ތިބި ކަމަށް ސީޕީ ހަމީދުވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އެފަދަ ކަންކަން ތަކުރާރުވުމުގެ ފުރުސަތު އޮތްކަމަށް ބުނެވޭނެ މަގު އޮވެއެވެ. އަދި ވަސީލަތްތައް ތިބޭ ކަމަށް ބުނާއިރު، އެކަށީގެންވާ މިންގަނޑެއްގެ ތެރެއިން އެފަދަ އެންމެހާ ކަންކަން ހުއްޓުމަކަށް ގެނެވިފައިނުވުމަކީ މި މުވައްސަސާގެ ކަންކަން އެންމެ ހަރުދަނާ އުސޫލެއްގެ މަތިން ކުރެވިފައިނުވާކަމުގެ ހެއްކެކެވެ.

ހާރިޖީ ސިޔާސަތު:

މި ސަރުކާރަކީ ވަރުގަދަ ހާރިޖީ ސިޔާސަތެއް އޮންނަކަމަށް ނަންވެފައިވާ ސަރުކާރެކެވެ. ފޮރިން ސާވިސް ގާނޫނެއް ތަސްދީގުކޮށް، އެ ސާވިސްގެ ދަށުން އެތައް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނެއެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ހަމަ ހަމަ ކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮވެއެވެ. މިހާރު ސިފަވެފައިވާގޮތުން، ހާރިޖީ ގުޅުމެއް އޮންނަނީ އެންމެ ގައުމަކާއިއެވެ. އެ ގުޅުމުގެ ތެރެއިން ރާއްޖެ ހިންގަމުންދަނީވެސް އެންމެ ގުޅުން ބަދަހި ގައުމުންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރައީސް ނަޝީދު، ޗައިނާއަށް އެތައް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްވި އިރު، ރައީސް ސާލިހު އެ ކަންކަން ހުއްޓުވުމަށް ގަރާރެއް ނުނެރުއްވައެވެ. އެހެން ނަމަވެސް ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކު އަނގަ ބަންދުކޮށްލުން ވެގެންދިޔައީ އެމަނިކުފާނަށް ފަސޭހަ ކަމެކެވެ. އެ ހަރަކާތްތައް ހުއްޓުވުމަށް ގާނޫނެއްވެސް ފާސްކުރުމަށް ނިންމިއެވެ.

އެހެން ނަމަވެސް މި ސިޔާސަތުވެސް ހިނގަނީ އެއް ކޮޅަށެވެ. ހާރިޖީ ސިޔާސަތުގެ ދަށުން ރާއްޖެއަށް ދޭ ހިލޭ އެހީ އަދި ލޯނުގެ ބޭނުންވެސް ރާއްޖެއިން ބޭނުންވާ ގޮތަށް ކުރުމުގެ އިހްތިޔާރު ރާއްޖެއަށް ނޯންނަ ފަދައެވެ. އެ މަސައްކަތްތައް އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށް ރައްޔިތުންގެ ކަންބޮޑުވަމުން ދިއުމާއި އެކުވެސް އެކަމަށް ބަދަލެއް ގެނައުމުގެ ފުރުސަތު ރާއްޖެއަށް ނެތްފަދަކަމަށްވުމުން، ޑިޕްލޮމެޓިކް ރިލޭޝަންސް އޮންނަނީ އެއް ފަރާތަކަށް ގެއްލުންވެ އަނެއް ފަރާތަކަށް ހުރިހާ ފައިދާއެއް ލިބިގެންދާ ގޮތަކަށްތޯ ސުވާލު އުފެދެއެވެ.

ފުލުހުންގެ ކެޕޭސިޓީ ބިލްޑިންގް:

ރާއްޖޭގައި ކުށްތައް ގިނަވެ، އެފަދަ ކަންކަން ހުއްޓުމަކަށް ގެނައުމުގެ ނަމުގައި ރާއްޖޭގެ ފުލުހުންގެ މުވައްސަސާ ހަރުދަނާ ކުރުމުގެ ގިނަ މަސައްކަތް މި ސަރުކާރުންވަނީ ކޮށްފައެވެ. ފުލުހުންގެ މުވައްސަސާއަށް އެތަކެއް ތަމްރީނުތަކެއް ދީފައިވާއިރު، ބައެއް ރަށްތަކުގައި ޓްރެއިނިންގް ސެންޓަރުތައް ތަރައްގީ ކުރެވިފައިވެއެވެ.

މިކަން މިގޮތަށް އޮތް ނަމަވެސް މި ހުރިހާ ތަމްރީނުތަކާއި ޓްރެއިނިން ސެންޓަރުތަކުގެ ބޭނުން ފުރިހަމަ ވާ ކަމާއިމެދު ސުވާލު އުފެދެއެވެ. ދުވަހަކުން ދުވަހަކަށް ގައުމުގެ ތެރޭގައި ކުށްތަކަށް އަރައިގަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ހުއްޓުމަކަށް ގެނެވޭ މިންވަރު އެކަށީގެން ނުވެއެވެ. ތަހުގީގު މަރުހަލާގެ ތެރެއިންވެސް ކުށް ކުރާ މީހުން ދޫވެދެއެވެ. ހެކި ނެތިގެން ބައެއް މީހުން ދޫކޮށްލާއިރު، ހެކި ހުންނަ ފަހަރު ޗެއިން އޮފް ކަސްޓަޑީ މައްސަލަތައްވެސް ކުރިމަތިވެއެވެ.

މިގޮތަށް ގޮސް މިހާރު، ކަންކަން ހުއްޓުވުމަށް އިތުރު ބާރެއް ފުލުހުންނަށް ދޭން ޖެހުމުން، ގައުމުގެ ހާލަތު ގޯސްވެފައިވާވަރު ސާފުވެއެވެ. ކުށްތަކަށް އަރައިގަންނަ މީހުން ގިނަވެ. ނުރައްކާތެރިކަން އިތުރުވެފައިވާވަރު ހާމަވެގެންދަނީ ކައިރި މުސްތަގުބަލެއްގައި ޓޭޒާރ ގަން ބޭނުން ކުރާނެކަމަށް ފުލުހުން އާންމު ކުރުމާއި އެކުއެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުން:

ރައީސް ސާލިހުވަނީ ވެރިކަމަށް ވަޑައިގެން ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވައުދުވެފައެވެ. އެގޮތުން މި ސަރުކާރުންވަނީ 4 އަހަރުވުމާއި ގާތުގައި އޮއްވާ ޗައިލްޑް ސޭޕް ގާޑިންގް ޕޮލިސީއެއް އެކުލަވާލާފައެވެ. އަދި ކުޑަކުދިންގެ ހައްގުތަކާއިބެހޭ ގާނޫނަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ސަރުކާރުންވަނީ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސް ގާއިމުކޮށްފައެވެ.

ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނެވެން އޮތް އިރު، ހިތާމަވެރި އެއް ކަމަކީ، މިހާތަނަށް ފެންމަތިވި އެންމެ ގިނަ ކުޑަކުދިންގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައްވެސް ފެންމަތިވެފައިވަނީ މި ސަރުކާރުގައިވުމުންކަމަށެވެ. ގިނަ އަދަދެއްގެ ތައުލީމީ ދާއިރާގެ މީހުންގެ މައްޗަށް އެފަދަ ތުހުމަތުތައް ކުރެވިފައިވާއިރު، ސަރުކާރުގެ މުވައްސަސާތަކުގައި ކުޑަކުދިންނާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށް އޮންނަ މީހުންގެ މައްޗަށް ދާދި ފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލައިގައިވެސް ތުހުމަތުތައް ކުރެވިފައިވެއެވެ. އެހެންކަމުން މިފަދަ ކަންކަން ހުއްޓުމަކަށް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެންދާކަމަށް ބުނެވެން ނެތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: