ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްޔިތެއްގެ މައްޗަށް އޮންނަ ހައްގު ނުލިބޭ ވެރިކަމެއްގައި އިތުރު ހައްގުތަކެއް ވެސް ނުލިބޭނެ!

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދާއި، ރައީސް ސޯލިހު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މައްޔިތެއްގެ ހަށިގަނޑު ޝަރުއީ ބަލަދުވެރިންނާއި ހަވާލު ކުރުމަށް ދެކޮޅު ހެދުމުން، ހިނގަމުންދާ ވެރިކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ގެއްލި ގޮސްފައިވާ މިންވަރު ސާފުވެއެވެ.

ރާއްޖޭގައި މިވަގުތު ވެރިކަން ކުރަމުންދަނީ އިންސާނީ ހައްގުތަކަށާއި، ގައުމީ މިނިވަންކަމަށްވެސް އިންތިހާއަށް އަޑުގަދަކޮށް ވަކާލާތުކުރާކަމުގެ ތާރީހެއް އޮންނަ ޕާޓީއަކުންނެވެ. ކޮންމެ ފަހަރެއްގައިވެސް ވެރިކަމަށް އައުމަށް ބޭނުން ކުރި ކާޑުތަކަކީވެސް ހުސް މި ފަދަ ކާޑުތަކެވެ. ކުޅުންތެރިން ބަދަލުވި ނަމަވެސް ކުޅެނީ ހަމަ ދާދި އެއް ކާޑުތަކެކެވެ.

ގިނަ ދުވަސްތަކެއް ވެރިކަން ކުރެއްވި، ރައީސް މައުމޫނު ވެރިކަމުން ދުރުކުރުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ހުދުމުހުތާރު، އަނިޔާ-ވެރިކަން މިފަދަ އެތައް ޓެގުތަކެއް އީޖާދުކޮށް، ދިވެހިންގެ ތެރޭގައި އެ ޓެގުތައް މަޝްހޫރުކުރުމުގައިވެސް އެންމެ ބޮޑު ރޯލެއް އަދާ ކުރީ މިހާރު ވެރިކަން ކުރަމުންދާ ޕާޓީއިންނެވެ.

މިހާރުވެސް ޕާޓީގެ އެންމެ އިސް ސަފުގައި ތިބީ އޭރުވެސް އެންމެ ކުރީގައި ތިބި ބޭފުޅުންނެވެ. ރާއްޖޭގެ މަންޑޭލާ އަދިވެސް އެބަ ހުންނެވިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދިވެހި ތާރީހުން ފޮހެވިގެން ނުދާނެ މަރުގެ މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައިގައި އިންސާފު ގާއިމު ކުރުމަށް ގޮވާލާ ގައުމުގެ ތެރޭގައި ހަލަބޮލިކަމެއް އުފެދިގެންދިޔައީ މިހާރު ވެރިކަމުގައި އޮތް ޕާޓީއިން އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް އެ ހައްގުތައް ހޯދުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

ރައީސް މައުމޫނުގެ އަތުން ވެރިކަން ލިބުމަށްފަހު، ވެރިކަން ބަދަލުވެގެން ދިޔައީ އެއްވެސް ވަރަކަށް އެކަށީގެންވާ ގޮތެއްގެ މަތިންނެއް ނޫނެވެ.

އެއަށްފަހު، ދުވަސްކޮޅެއްގެ ވެރިއެއް ހުރުމަށްފަހު، ތަހުތާއި ހަވާލުވެލެއްވި، ރައީސް ޔާމީން ކުރިމަތިލެއްވީ، މިހާރުގެ ވެރިކަން ކުރާ ޕާޓީއިން ރައީސް މައުމޫނަށްވެސް އަމާޒު ކުރި ބަހުގެ ހަމަލާތަކާއެވެ. އަނިޔާވެރިކަމެއް ކުރަމުންދާ ކަމުގެ ވާހަކައެވެ. ރައްޔިތުންނަށް އަޑު އުފުލުމަށް ޖާގަ ނުދޭ ވާހަކައެވެ. ގައުމުގެ މިނިވަންކަން ގެއްލި ގޮސްފައިވާކަމުގެ ވާހަކައެވެ. ހުދުމުހުތާރު ވެރިޔެއް ހުންނެވި ވާހަކައެވެ. އަދި މަރުތަކުގެ ކާޑުވެސް ކުޅުނެވެ.

މަރުތަކުގެ ފަހަތުގައި ވަނީ ވެރިކަމުގައި ތިބި ފަރާތްތައް ކަމަށް ބުނެ، މުޅި ގައުމު ހިލުވާލައި އިންސާފު ގާއިމު ކުރުމަށް ގޮވާލަމުން އައިސް، އަލުން ވެރިކަމާއި ހިސާބަށް ވާސިލުވީ ވެސް ދިވެހި ރައްޔިތުންގެ ހައްގުތައް ހޯދައިދީ، އެކަންކަން ހިނގައިދިޔަ ގޮތުގެ ހަގީގަތްތައް ހާމަކުރުމަށް ވައުދުތަކެއް ވުމަށްފަހުއެވެ. ވެރިކަން ލިބުމުން އެ އަޑުތައް ފަނޑުވެގޮސްފިއެވެ. މުޅިންހެން ވެސް އިވެމުން ދަނީ ކެމްޕެއިންގެ ޝިޔާރުތަކާއި، ވެރިކަމާއި ގުޅުވައި ޕާޓީގެ އެތެރޭގައި ކޯޅެމުންދާ އަޑުތަކެވެ.

އެހެންކަމުން މިއަދު އެ ހުރިހާ ވާހަކަތަކެއް ދެއްކި ޕާޓީ، ހަމަ އެ ލީޑަރުންގެ ބެލުމުގެ ދަށުގައި އޮވެ ދެއްކި ވާހަކަތަކާއި ވީ ވައުދުތަކާއި ހިލާފުވާ ފަދަ ގޮތަކަށް އަމަލުު ކުރަމުންދާ މަންޒަރެއް ސިފަވަމުން ދިއުމުން، ޕާޓީގެ ތެރޭގައި ތިބި ހެޔޮ ވިސްނޭ އާންމު މެމްބަރުންވެސް ހައިރާންވެއެވެ. އަދި ސިޔާސީ ކަންކަމާއި ދުރުގައި ތިބެ މަންޒަރު ބަލާ ރައްޔިތުންނަށްވެސް މިހާރު ވެރިކަން ކުރަމުންދާ ޕާޓީއަކީ، މިނިވަން އުންމީދުތަކެއް އާލާކުރި ޕާޓީއަކަށްވުމުން ހިތްތަކުގެ ތެރޭގައި މިއަދު ވެރިވެފައިވަނީ ބިރުވެރިކަމާއި ނުތަނަވަސްކަމެވެ.

މިހާރު ވެރިކަމުން ފެންނަމުން ދާ އަމަލުތަކަށް ބަލާލާނަމަ، އެންމެ ފުރަތަމަ ފާހަގަ ކުރަންޖެހޭ އެއް ކަމަކީ، ވެރިކަމަށް އައުމައްޓަކައި ކޮނޑުމަތީގައި އުފުލި މަރުތަކުގެ މައްސަލަތަކެވެ. ވެރިކަމާއި ހިސާބަށް ވާސިލުވުމުގެ ބާރު ލިބިގެންދިޔަ މައިގަނޑު އެއް ސަބަބަކީ، އެ މައްސަލަތަކުގެ ހަގީގަތް ރައްޔިތުންނަށް ތިލަކޮށްދީ، އެކަންކަމުގައި ޝާމިލުވި ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމުކޮށްދިނުމަށް ވީ ވައުދުތަކުގެ އަޑުތައް ގަދަވުމުންނެވެ.

އެހެން ނަމަވެސް ވެރިކަމަށް މިހާރު 4 އަހަރު ވެގެންދިޔައިރު، އެ މައްސަލަތައް އޮތީ އޮތް ގޮތަށް ކަމަށްވެސް ބުނެވިދާނެއެވެ. ކުރިއެރުމެއްވެސް ނުލިބެއެވެ. ބައެއް ރައްޔިތުންގެ ހަނދާނުން ކައްސާލި ނަމަވެސް، ގެއްލިގެން ދިޔަ ފުރާނައެއް، ގެއްލިގެން ދިޔަ ގޮތުގެ ހަގީގަތް ހޯދުމަށް އުމުރުން ދުވަސްވެފައި ހުރި ބަފައެއް، ވެރިކަން ކުރާ ޕާޓީގެ އިސް ފަރާތްތަކާއި ބައްދަލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.

މި ވާހަކަތައް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުކުރުމުން، ފުން ޒަހަމުތަކެއްގެ ރޮދިތައް ކޮށި، އަނެއްކާވެސް ލޭ އޮހޮރިގެން ދިޔައެވެ. ވީނުވީއެއް ނޭނގި ގެއްލުނު ޒުވާނެއްގެ ބައްޕަ ފާހަގަކުރިގޮތުން، މިހާރުގެ ރައީސް އެނާގެ ދަރިފުޅުގެ މަރު ބޭނުން ކުރީ ސިޔާސީ މަންފާއެއް ހޯދުމަށެވެ. ވެރިކަން ލިބުމުގެ ކުރިން ބޯ އަޅާލުމަށް ކޮނޑެއް ދީ، އެ ކޮނޑު އަބަދުވެސް ލިބޭނެ ކަމުގެ ފޮނި އުންމީދުތައް އާލާ ކުރިއިރު، ވެރިކަން ލިބުމަށްފަހު، ފައިންޕުޅު ދެކިލުމަށްވެސް ނުލިބޭކަމަށް ސިފަކުރިއެވެ. އަދި ޕާޓީގެ ޖަގަހަތަކުގައިވެސް އެނާއަކީ ބީރައްޓެއްސަކަށް ވެގެންދިޔަކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވެރިޔާއަކީ ބިޒީ ބޭފުޅެއްކަން ގަބޫލު ކުރެވޭ އިރު، ކަނޑާފައިވާ ރިބަންފައްތައް އަލުން ބަނުމަށްފަހު ކެނޑުން، ގައުމުގެ މާލީ ހާލަތު ދަށަށް ގޮސްފައިވާއިރު، އާންމު ރައްޔިތުންގެ މަސްލަހަތެއް ނެތް ޖަލްސާތައް ބޮޑެތި ހަރަދުތަކެއް ކޮށްގެން ބޭއްވުންފަދަ ކަންކަމަށްވުރެ، މުހިންމު ވާންޖެހޭނީ ގައުމެއްގެ ރައްޔިތުންނާއި އެ ރައްޔިތުންގެ އިހުސާސްތައް ކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

ދިވެހިންގެ ހައްގުތައް ގެއްލި ގޮސްފައިވާކަމުގެ އިތުރު މިސާލުތައްވެސް ހިމެނެއެވެ. އެ ބައެއްގެ ޝުއޫރުތައް ދީނާއި ހިލާފު ނުވާ ހިނދަކު ފައުޅު ކުރުމަކީ ކުރެވެންވާނެކަމެކެވެ. އެހެން ނަމަވެސް ގައުމުގެ މިނިވަންކަން އެހެން ގައުމެއްގެ އަތް ދަށުވި ވާހަކަތައް ފެތުރެން ފެށުމާއި އެކު، ދިވެހި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމަކީ މިހާރުގެ ވެރިޔާއަށް ކުރެއްވެން ނެތް ކަމެއް ކަމުގައި ފާހަގަކުރެވުނެވެ.

ފުލުހުން ނެރި، ބާރުގެ ބޭނުންކޮށް އެ އަޑުތައް ކަނޑުވާލުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އެތައް ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. ވަކި ގައުމެއްގެ ދިދަ ހިފައިން ހުރުން ވެގެންދިޔައީ ގާނޫނީ ކުށަކާއި އެއްފަދަ ކަމަކަށެވެ. އިންޑިއާގެ ނަން އެހެން ސްޕެލިންގެ އެއްގައި ޖެހިނަމަވެސް ވެރި މަނިކުފާނަށް އެކަން ވީ ބޮލުގެ ރިހުމަކަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމެގެ އަޑު އެއްސެވުން އެމަނިކުފާނަށް މުހިންމު ކަމަކަށް ވީ މަންޒަރެއް ނުފެނުނެވެ. ގަރާރެއް ނެރި، ރައްޔިތުންގެ އަޑު ކަނޑުވާލި ގޮތާއި ހިނގަ ހިނގާ ހުރި ސްޕީކަރެއްގެ ވާގަނޑު ބުޑުން އުފުރާލުމާއި އެއް ސިފަވިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު  އެއްސެވުމުގެ ބަދަލުގައި އެމަނިކުފާނު ފެއްޓެވީ ކަންބޮޑުވުންތައް ހިސާ ކުރުމަކީ ގާނޫނީ ކުށަކަށް ހަދައި ކަންބޮޑުވުންތަކުގެ ވާހަކަތައް ދައްކާ ފަރާތްތައް ދިގު މުއްދަތައް ތޭރިތަކުގެ ފަހަތަށް ލުމުގެ މަސައްކަތް ކަމަށް ވުމުންނެވެ.

ރައްޔިތުންގެ އަޑު އުފުލުމުގެ ހައްގު ނިގުޅައިގަނެވުމުން ނުފުދުން ފަދަ، މިހާރުވެސް މިފަދަ ހެއްވާ މައްސަަލައެއް ވަނީ ފެންމަތިވެފައެވެ. މޮރިޝަސް އަދި ރާއްޖެއާއި ދެމެދު ޖެހިފައިވާ މައްސަލައެވެ.

ޗާގޯސް ނުވަތަ ފޯޅަވައްސާއި ގުޅިގެން އުފެދިފައިވާ މައްސަލައިގައި، މިހާރުގެ ވެރިޔާގެ މައްޗަށް ކުރެވެމުންދާ ތުހުމަތަކީ ހުރިހާ ދިވެހި ރައްޔިތުންގެ ހައްގެއް އަމިއްލަ އެއްޗެއް ކަމަށް ބަލައި، އެހެން ބަޔަކަށް ދޭން ނިންމާފައިވާ ކަމުގެ ތުހުމަތެވެ.

އެ ނިންމުން ނިންމި އިރު، ރައްޔިތުންގެ ގާތުގައި އަހާލާފައިވެސް ނެތެވެ. ދިވެހިންގެ ތާރީހުން ރާއްޖޭގެ ރަށެއް ގޮތުގައި އޮތް ރަށެއް ދިނުމަށް އެއްބާރުލުން ދިންއިރު، ޒަމާނުއްސުރެ ދިވެހިން ބޭނުން ކުރަމުންދާ ކަނޑުގެ ސަރަހައްދުން ބައެއްވެސް ވަނީ އެ ގައުމަށް ހިބަކޮށްފައެވެ. އަޖައިބެކެވެ. މިފަދަ ނިންމުމެއް ނިންމީ ހަމަ ދިވެހިން ރޭކާ ނުލާނެކަމަށްހެން ހީވާ ކަހަލައެވެ.

ސޯޝަލް މީޑިއާ އަދި މަގުމަތިން މީހެއް ކައިރީ އެހި ނަމަވެސް ލިބޭނެ ޖަވާބަކީ، ރާއްޖޭގެ ސަރަހައްދު އަދި ސަރަހައްދުން ލިބެން އޮތް ރޯއްޖެއްވެސް އެހެން ބަޔަކަށް ދޭން ނެތް ކަމުގެ ޖަވާބެވެ. އެއީ ހަމަ ކޮންމެ ގައުމެއްގެ ރައްޔިތުންގެ ގާތުގައިވެސް އެ ގައުމުން ބައެއް އެހެން ބަޔަކަށް ދިނުމާއިމެދު ސުވާލު ކުރުމުން ލިބޭނެ ޖަވާބެވެ. މިއީ ފުންކޮށް ވިސްނާ ދިރާސާތަކެއް ކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ.

ގައުމުގެ މިނިވަންކަން ގެއްލި ގޮސްފައިވާ ވާހަކައާއި، ރައްޔިތުންގެ އަޑު ކަނޑުވާލާފައިވާ ވާހަކައާއި ގައުމުން ބައެއް ވިއްކާލާފައިވާކަމުގެ ވާހަކައިގެ އިތުރުންވެސް ބޮޑެތި ކަންބޮޑުވުންތައް ހުރެއެވެ. އެހެން ނަމަވެސް މިއަދު އެންމެ ކަންބޮޑުވާ އެއް ކަމަކީ، އެހެން ވެރިކަންތަކުގައި ދިމާވާ ކަންކަން ނުވަތަ ހެދޭ ގޯސްތަކުގެ ވާހަކަތައް އެންމެ ގަދަޔަށް ދެއްކި މީހުން މިއަދު ވެރިކަމަށް އައިސް އެފަދަ ކަންކަން ތަކުރާރުވުމުން، އެކަން ނުވާކަމަށް ހަދައިގެން ތިބުމެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފަރުވާއަށް އެދުމުން އިހުމާލުވެ ނިޔާވުމުން އެ މުއައްސަސާގެ އިހުމާލުތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅި މަންޒަރެއް ނުފެނެއެވެ. މަންމައަކަށް މަރުވެފައިވާ ދަރިފުޅުގެ ހަށިގަނޑު ދިނުމަށް ދެކޮޅު ހެދީ ވޭތުވެދިޔަ ސަރުކާރުގައި ނަމަ، މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކުން އެކަމުގެ ސިޔާސީ މަންފާ ހާސިލު ކުރާނެކަން ކަށަވަރެވެ. ގައުމުގެ ތެރޭގައި އެ ނޫން ބައެއްގެ އަޑެއް ނީވޭނެއެވެ.

ޔަގީނުންވެސް ފުލުހުންގެ އިސްވެރިންގެ އިސްތިއުފާ އަދި ރައީސުލްޖުމުހޫރިއްޔާގެ އިސްތިއުފާއަށް ގޮވާނެއެވެ. އެހެން ނަމަވެސް މިއަދު އެއްކަލަ އިންސާނީ ހައްގުތައް އިންސާފުގެ އޮޑިއާއި އެކު ގަރަގުވެއްޖެއެވެ. މިއަދު ހިއުމަން ރައިޓްސް ކޮމިޝަންވެސް ހިންގަމުންދަނީ މިހާރު ވެރިކަން ކުރާ ޕާޓީއިން ކަމަށްވާއިރު، އަދި ހިލަމެއް ނުވެއެވެ.

ގާނޫނުތައް ހެދުމާއި ހަވާލުވެ ހުންނެވީ އެންމެ އަޑުގަަދަ އެއް ވެރިޔާކަމަށްވާއިރު، އަދި އަޑެއް ބަޑެއް ނީވެއެވެ. އެހެން ގައުމުތަކުގެ ކަން ކަމުގައި ގޮސް ވަކާލާތުކޮށް މަސައްކަތް ކުރެވޭ ގޮތަށް އަމިއްލަ ގައުމުގެ ރައްޔިތެއްގެ ހައްގުގައި ވަކާލާތު ނުކުރެވޭނެ އެއް ސަަބަބުވެސް ނެތެވެ.

ގޮތް ހުސްވެފައިވާ މަޔަކަށް ދަރީގެ ހަށިގަނޑު ހޯދުމަށްވެސް މިއަދު މި ޖެހެނީ އާދޭސް ކުރާށެވެ. މައްސަލަ އެއް އޮތް ނަމަ ހަށިގަނޑު ހޯދުމަށް މިޖެހެނީ އެ މައްސަލަވެސް އަނބުރާ ގެންދާށެވެ. މިއީ މި ވެރިކަމުގައި ދިވެހިންނަށް ޖައްސާފައިވާ ހާލަތެވެ. މިއީ އިންސާނީ ހައްގުތަކުގެ ނަމުގައި ވާކާލާތު ކުރުމަށްފަހު ވެފައިވާ އިހުމާލެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: