މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރައްވަނީ ހެޔޮ ވެރިކަމެކެވެ. އެކަމާއި ފުރިހަމައަށް އެއްބަސްވެވެއެވެ. އެހެންނަމަވެސް އެ ގެންގުޅުއްވާ އުސޫލުތައް ހެޔޮވަނީ އެމަނިކުފާނަށް އެކަންޏެވެ.
ދިވެހިރާއްޖޭގެ ނަމުގައި ގިނަ އަދަދެއްގެ ލޯނުތައް ނަންގަވައި އެތައް މަޝްރޫޢޫއެއްވެސް ފައްޓަވައިފިއެވެ. ބަނދަރު ހެދުމުން ރައްޔިތުންނަށްވެސް ފައިދާތަކެއް ލިބިގެންދާއިރު، ހަގީގަތުގައި ކުރެއްވި މަސައްކަތަކީ ކުރިއަށް އޮތް ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނަށް ފަސޭހަކަމާއި އެކު ރަށް ރަށަށް އަރާ ފޭބުމުގެ މަސައްކަތެވެ. ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނާނެއެވެ. އެދުމެއް ނެތި ވެދުމެއްވެސް ނުކުރާނެއެވެ.
ރާއްޖެއަށް ޓެކްސްގެ ނިޒާމެއް ތައާރަފްކުރީ އެމްޑީޕީންނެވެ. ދައުލަތުގެ އާމްދަނީ އިތުރުކޮށް، ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނީ އެ ޕާޓީއިންކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އަހަރީ ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައިވެސް ފާހަގަކުރައްވާފައެވެ.
މިވާހަކަތައް ހަގީގަތަކަށްވީނަމަވެސް، ރައީސް ސާލިހު އަދި އެމްޑީޕީގެ މި ސަރުކާރުގެ ހަގީގަތަކީ، އާމްދަނީގެ އަދަދުތައް ކިތަންމެ މަތީގައި ހުރިނަމަވެސް ފަހަކަށް އައިސް އާންމުކޮށް ދެކެވެމުންދާ އެއް ވާހަކައަކީ މާލީ ހާލަތު ދަށްވެ ރާއްޖެ ބަނގުރޫޓު ވެދާނެ ވާހަކަ ކަމެވެ. އަދި ރައްޔިތުންވަނީ ބިކަ ހާލެއްގައި ޖެހިފައިކަމަށްވެސް އެތައް މަޖިލީސް މެމްބަރުންނެއްވެސް ފާހަގަކުރެއެވެ.
މި މިކަމާއި އެއްބަސްނުވާނެ އެތައް ބަޔަކު ތިބޭނެކަންވެސް ކަށަވަރެވެ. ދިވެހިންނަކީ ނެތްކަމަށް އެއްބަސްވާން ދަތިކަމެއް ހުންނަ ބައެކެވެ.
ލޯނުތައް ނެންގެވި ނެންގެވީނުން މިއަދު ރައީސް ސާލިހަކީ ރާއްޖޭގެ އެންމެ ގިނަ މަޝްރޫޢުތައް ފެއްޓެވި ރައީސްކަމަށްވުމުން އެ ނަމުގެ ފައިދާ ކުރިއަށް އޮތް ރިޔާސީ ކެމްޕެއިންގައި އެމަނިކުފާނަށް ލިބިގެންދާއިރު، ނުނިމޭ މަޝްރޫޢުތަކުން ދިވެހި ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތެވެ.
ދަރަނި އިތުރުވެ، ދަރިންގެ ދަރިންގެ ބޮލުގައިވެސް ދަރަނީގެ ޒިންމާއެޅިއްޖެއެވެ. ގިނަ ރައްޔިތުންގެ ޖީބަށް ލުއިތަކެއް ވުމުގެ ބަދަލުގައި ބުރަވެއްޖެއެވެ. މަޝްރޫޢުތަކުގެ ވާހަކަތައްވެސް މިއަދު ތަކުލީފުތަކަަށް ވާން ފަށައިފިއެވެ. އެމަނިކުފާނު ދައި ގަތީ ހަފާލެވޭނެތޯ އެއްވެސް ވަރަކަށް ވިސްނާ ނުލާއެވެ.
ރައީސް ސާލިހު ވެރިކަމުގެ ދެވަނަ ދައުރެއް ބޭނުންވާ އެންމެ މުހިންމު އެއް ސަބަބުކަމަށް ފާހަގަކުރައްވަނީވެސް މަޝްރޫޢުތަކެވެ. ވިދާޅުވަނީ ވެރިކަން ބަދަލުވުމުން މަޝްރޫޢުތައް ކުރިއަށް ނުކަނޑާ އޮވެދާނެކަމުގެ ބިރު އޮތް ވާހަކައެވެ.
މިހުރިހާ ކަމެއް ހުރި އިރުވެސް ރައީސް ސާލިހު ކުރައްވަނީ ރައްޔިތުންނަށް ހެޔޮ ވެރިއެއްކަމަށް ބުނުމުގެ ފުރުސަތުތަކެއް އޮވެއެވެ. އެހެންނަމަވެސް ބަހާއި އަމަލާއި ދިމާނުވާ ވެރިއަކު ހަދަމުންދަނީ ދޮގުތަކެކޭ ބުނުމުގެ ފުރުސަތުވެސް އޮވެއެވެ. އިތުރު ލޯނުތަކެއް ނުނަންގަވާނަމޭ ވިދާޅުވިކަން ކަށަވަރެވެ. މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ހުރި ފައިސާއިންކަމަށްވެސް ވިދާޅުވިއެވެ. ކަން ހިނގަނީ އެމަނިކުފާނު ވިދާޅުވި ގޮތަކަށް ނޫނެވެ.
ކަނޑައެޅިގެން ހުރިހާ ރައްޔިތުންނަށް އިވޭ ހިސާބުގައި ހުރެ ނުނަންގަވާނަމޭ ވިދާޅުވުމަށްފަހު، މިއަދު އެތައް ލޯނެއް ނަންގަވައިފިއެވެ. ކޮންމެ ކަމަކަށްވެސް ބަހަނާއެއް އޮންނާނެއެވެ. ލޯނުތައް ނެގުމަށްވުރެވެސް ބޮޑު މައްސަލައަކީ އެއްކަލަ 500 މިލިއަން ޑޮލަރުގެ ބުރިޖު އަދި އަދަށްވެސް ފެންނަން ނެތުމެވެ. ސާވޭތައްވެސް ނިމުނުކަމުގެ ޔަގީންކަން ރައްޔިތުންނަކަށް ނެތެވެ. ބުރިޖެއް އެޅުމުގެ ބަދަލުގައި މިއަދު ފެންނަނީ ފަރުމަތީ ހެދިފައިވާ ހަތަރު ބާގަނޑެވެ. މާލިއްޔަތު ފޫގޮސްފައިވާ މަންޒަރެވެ.
ރައީސް ސާލިހުގެ ބަހާއި އަމަލާއި ދިމާނުވާ އިތުރު ކަންކަންވެސް ހުރެއެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ދިވެހި މާލިއްޔަތައް ބުރޫ އެރުމުގެ ސަބަބުން ފިނޭންސް މިނިސްޓްރީއިން ނެރުނު ސާކިއުލާއެވެ. ސާކިއުލާގައިވަނީ 5000 ރުފިޔާއަށްވުރެ އިތުރުވާ ހަރަދުތައް ނުކުރުމަށް އިލްތިމާޒްކޮށްފައެވެ.
ސާކިއުލާގައިވާގޮތުން ނަމަ ބޭރު ގައުމަކުން ހުރިހާ ހަރަދެއް ނުހިފާނަމަ ރަސްމީ ދަތުރެއްވެސް ނުކުރާނެއެވެ. އަދި ސަރުކާރު މުއައްޒިފުންގެ ތައުލީމަށާއި ކިޔެވުމަށްވެސް ދަތުރުތައް ނުކުރުމަށްވަނީ އެންގިފައެވެ.
މި އުސޫލުތައް ހިނގަނީ ހަމައެކަނި އާންމު މުއައްޒިފުންގެ މައްޗަށް ކަމަށްވެސް ވެދާނެއެވެ. ސާކިއުލާ ނެރުވުމަށްފަހު އެންމެ ފުރަތަމަ ބޭރު ގައުމަކަށް ވަޑައިގަތީ ހުދު މިނިސްޓަރު އިބްރާހިމް އަމީރު ކަމަށްވާއިރު، މިއަދާއި ޖެހުނު އިރު ރައީސް ސާލިހުވަނީ އެކި ނަން ނަމުގައި އެކި ކަންކަމުގައި ގިނަ އަދަދެއްގެ ދަތުރުތަކެއް ކުރައްވާފައެވެ.
ކުރެއްވި ހުރިހާ ދަތުރެއްގެ ހުރިހާ ހަރަދުތައް ބޭރުގައުމުތަކުން ނުހިފާނެކަން ހަމަ ޔަގީނެވެ. ހާއްސަ ގޮތެއްގައި އެންމެ ފަހުން އިންގިރޭސިވިލާތައް ކުރެއްވި ދަތުރެވެ.
މީގެ އިތުރުންވެސް ބަހާއި އަމަލާއި ދިމާނުވާ އެތައް ކަމެއް ހުރެއެވެ. ޖޭއެސްސީ އިސްލާހު ކުރެއްވުމަށްވެސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައެވެ. އެކަން ކުރުމުގެ މަސައްކަތްތައް ފެށުނީވެސް ދައުރު ނިމެން އަހަރަކަށްވުމުންނެވެ.
5 އަހަރުގެ ދައުރެއް އިދިކޮޅުގައި އޮވެ އިސްލާހު ކުރަންވީކަންކަން އެކުލަވާލައި ތައްޔާރު ކުރުމަށް ފުރިހަމަ ފުރުސަތެއް ލިބިގެންދިޔަ އިރު 100 ދުވަހުގެ ތެރޭގައި އެކަން ހުށަނޭޅެންވީ އެއްވެސް ސަބަބެއް ނޯންނާނެއެވެ. އެހެން ނަމަވެސް އަދި ގަނޑެއްގައި އަކުރެއް އޮތް ކަމާއިމެދުވެސް ޝައްކެވެ. އިދިކޮޅު ޕާޓީއިން މަޖިލީހަށް ޖޭއެސްސީގެ އިސްލާހުތައް ހުށައެޅުމުންވެސް ބަލައި ނުގަތެވެ.
މިނޫނަސް ހެޔޮ ވެރިކަމުގެ ސިފަތައް ފެނިއްޖެއެވެ. ގައުމުގެ ހުރިހާ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމުގައި ރައީސް ސާލިހު ހަނު ހުންނަވައެވެ. ޓްވިޓަރ މެދުވެރިކޮށް އިޖްތިމާއި އަދި ދީނީ ހާލަތާއިމެދު ކަންބޮޑުވުން ފާޅު ނުކުރައްވާއިރު، އެހެނިހެން ކަންކަމުގައި ކުރައްވައެވެ. ރާއްޖޭގައި ކުށްތައް އާންމުވެ ރައްޔިތުން ހަނާވަމުންދާއިރު އެއްޗެކޭ ވިދާޅުނުވާއިރު، ޔޯގާ ކުރަން ތިބި ބަޔަކަށް ފުރައްސާރަ ކުރި މައްސަލައިގައި ވަގުތުން ވަގުތައް މަސައްކަތްތައް ފެއްޓެވިއެވެ.
އިސްލާމީ ގައުމެއްގެ އެންމެ އިސްވެރިޔާ ގޮތުގައި ހުންނެވި އިރު، ދީނާއި ގައުމުގެ އިޖްތިމާއި ފޭރާން ވީދަމުންދާ ފަރާތްތަކާއިމެދު އެއްވެސް ފިޔަވަޅެއް އެޅުވުމަށް މަސައްކަތެއް ނުކުރައްވައެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ރަހުމު ކުޑަ އެއް ގަތުލުވެސް ހިނގައިދިޔައީ ދާދި ފަހުންކަމަށްވާއިރު، އެކަމާއި ގުޅުވައި ރައީސް ސާލިހުގެ ފަރާތުން މާ ބޮޑު ކަންބޮޑުވުންތަކެއް ނުފެނެއެވެ. ތަހުގީގުތައް އޮތް ހިސާބެއްވެސް މިއަދު ރައްޔިތުންނަކަށް އިނގޭކަށް ނެތެވެ. ކަނޑައެޅިގެން ސާބިތުވާނެ މައްސަލައެއްގައި ހުކުމެއް ކުރެވިފައިނުވާ ސަބަބެއްވެސް ސާފެއް ނޫނެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ފެންމަތިވަމުން އަންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފުލުހުންގެ މުއައްސަސާގެ ހިދުމަތްތައް ފުރިހަމަ ނޫންކަމުގެ ކަންބޮޑުވުމެވެ. ބެންކު އެކައުންޓުން ފައިސާތައް ގެއްލުމުންވެސް ނުފެނެއެވެ. މަގުތައް މަތިން މީހުންވެސް ގެއްލެނީއެވެ.
ރާއްޖެ އޮތް ހާލުގައި އޮތް އިރުވެސް، އެމަނިކުފާނު އުޅުއްވަނީ ކޮންމެވެސް ރަށަކަށް ވަޑައިގެން ކޮންމެސް ކިލާސް ރޫމެއް ހުޅުވުމާއި ކޮންމެސް ކަމެއް އިފްތިތާހު ކުރެއްވުމުގައި ބުރަކޮށެވެ.
އިސްވެ ބަޔާން ކުރެވުނު ހުރިހާ ކަމަކަށް ބުރަވާނަމަ، ބުނެވެން އޮތް ހަމަ އެކަނި ވާހަކައަކީ، ރައީސް ސާލިހު ކަންކަން ކުރައްވަނީ އެ މަނިކުފާނުގެ ނަން ރިތީ ކުރެއްވުމަށްޓަކައި އެވެ. ކުރައްވަނީ އެމަނިކުފާނަށް ހެޔޮވެރިކަމެއް ކަމަށެވެ.


One Response
މީހަކު އަތަކަށް ޖެހިލަފާނެއެވެ. ތިއަކީ އެކަމަކު ފުކެއް ބޮޑުވަރެވެ. މާލެ، ލާމު އަތޮޅު އަދި އައްޑޫ ހިމެނޭހެން ބަސް ދަތުރުތައް ފެށީ ސޯލިހު ކެމްޕޭނަށް ދޮރުން ދޮރަށް ދުއްވާށޭވެސް ބުނެލިނަމައެވެ.