އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވެނަ ސެގްމެންޓްގެ މަސައްކަތް ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށއިފިއެވެ.
އަމީނީ މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 13 ސެގްމެންޓަކަށް ބަހާލައިގެންނެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް އަލުން ފެށިފައިވަނީ އެ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތުމަކަށް ފަހުގައެވެ. އެ މަސައްކަތް ނުފެށިފައި އޮތީ އެމްޑަބްލިޔުއެސްއީ މެދުވެރިކޮށް ލިބެންޖެހޭ ހިދުމަތެއް ނުލިބިގެން ކަމަށެވެ. އެކަމާ ގުޅިގެން އާރުޑީސީ އިން ބުނެފައިވަނީ އަމީނީ މަގު ހެދުމުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި އެ މަސައްކަތް ޕްލޭން އާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން އާރުޑީސީ އިން މީގެ ކުރިން ބުނި ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވައި ކޮންމެ ސެގްމެންޓެއްގެ މަސައްކަތް ނިމުމުން އެ ސަރަހައްދެއްގެ ވެލިގަނޑު ލެވެލްކޮށް އާއްމުން މަގު ބޭނުން ކުރުމަށް ހުޅުވާލާ ގޮތަށް ކަމަށެވެ. އަދި ތާރު އަޅާނީ ބިލަބޮންގ ސްކޫލާ ހިސާބަށް ހުރިހާ މަސައްކަތް ނިންމާލުމަށް ފަހުގައި ކަމަށެވެ.
އަމީނީ މަގުގައި މީގެ ކުރިން އަޅާފައިހުރި ކޭބަލްތަކާއި ވަޅުލާފައި ހުރި ހޮޅިތައް ހުރިގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެއާއެކު މަސައްކަތުގެ ސްޕީޑް ހަލުވި ވެގެން ދާނެ ކަމަށްވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީ އާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހަދައި މަގުގައި ތާރު އަޅައި ޕޭވްމަންޓް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

