އަމީނީ މަގުގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ސަރަހައްދު ރޭ އާންމުންނަށް ހުޅުވާލައިފިއެވެ.
އަމީނީމަގު މަރާމަތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންދިޔަައީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފަށައިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ.
އަމީނީ މަގު ސެގްމަންޓު 1 ގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ އެގްރިކޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު 2794.062 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް، އޭބީސީ އަދި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އެ ސަރަޙައްދުގައި އޭބީސީ އެޅުމާއި ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ.
ފުރަތަމަ ދެ ސެގްމަންޓްގެ މަސައްކަތް ނިމި ހުޅުވާލުމަށްފަހު، ދެން ފަށާނީ ސެގްމަންޓް 3 ގެ މަސައްކަތެވެ. މިއީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސެގްމަންޓު ތިނެއްގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާތީ، ރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ސެގްމަންޓު 3 ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރުއެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރުއަޅައިގެން ތަރައްގީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

