އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ފަށަައިފިއެވެ.
އެމްޓީސީސީން އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ ދަރުމަވަންތަ ޕާކުން ފެށިގެން އިއްޒުދީން މަގާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތެވެ.
އެހެންކަމުން، މަރާމާތުގެ މަސައްކަތްތަކަށް ޓަކައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާއި ހަމައަށް އަމީނީމަގު މިހާރު ވަނީ ބަންދުކޮށްފައެވެ.
ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރުއަޅައިގެން ތަރައްޤީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޖޫން މަހުގެ 15 ވަނަ ދުވަހު މި މަސައްކަތް ހަވާލުކުރުމާ ގުޅިގެން، އެމްޓީސީސީން ވަނީ މަގު މަރާމާތުކުރުމަށް ބޭނުންވާ ފަންނީ ސަރވޭތައް ކޮށް ނިންމާފައެވެ. އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި، މިހާރު ކުރިއަށް ދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. އެ މަޝްރޫއުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވެސް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުތައް ކަމަށްވާ ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމައި ފުރަތަމަ ހުޅުވާލީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުގެ ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، އެ މައްސަލަ ދިމާވީ ”ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުން“ ކަމަށެވެ.
މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

