ރާއްޖޭގެ 11 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ހެދުމުގެ ޢަމަލީ މަސައްކަތް، 912.15 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢުގެ ދަށުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ:
- ކ. ދިއްފުށި
- އއ. ފެރިދޫ
- އއ. މަތިވެރި
- ބ. ކެންދޫ
- ބ. ދަރަވަންދޫ
- ރ. އިންނަމާދޫ
- ރ. ރަސްގެތީމު
- ނ. މަގޫދޫ
- ނ. މާއުނގޫދޫ
- ށ. ބިލެއްފަހި
- ފ. ފީއަލި
މި ރަށްތަކުގެ މަގުތަކުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ރައްޔިތުންނަށް ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މިއީ އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއެވެ.

